އިދިކޮޅު ފަރާތްތަކުން މިއަދު ފާޑުކިޔުމަށް އެންމެ ޖެހިލުންވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއް ގައެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ، ސިއްހީ ދާއިރާއަށް ރައީސް ޔާމީން ގެނެސްދެއްވާ ތަރައްޤީއަކީ ލޯ މައްޗަށް ފެންނަންހުރި ހަޤީޤަތްކަމަށާއި، އެކަންކަން މިއަދު އިދިކޮޅު ފަރާތްތަކުންވެސް ބަލައިގަންނަމުންދާކަމަށެވެ. ހަމައެހެންމެ މި ދާއިރާއިން ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ކާމިޔާބީތައް ބޭރުގެ ފަރާތްތަކުންވެސް މިއަދު ބަލައިގަނެ އެކަންކަމަށް ތަޢުރީފުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ."ހެލްތް ސެކްޓަރއަށް ލިބިފައިވާ ކާމިޔާބަކީ އަޅުގަނޑު ދަންނަވާނީ އެއްވެސް ދިވެހި ރައްޔިތަކު ތަފާތުކުރުމެއްނެތި، ވަރަށް ބޮޑަށް ބަލައިގަންނަ ހިދުމަތެއްގެ ގޮތުގައި ބައްޓަންކުރުން. އެއީ ހުރިހާ ރައްޔިތުންވެސް ހިދުމަތް ހޯދާ ދާއިރާއެއް. އެއްވެސް ރައްޔިތަކުން ބާކީކުރުމެއްނެތި ހިދުމަތް ދެވޭ ދާއިރާއެއް. އެހެންވީމަ އިދިކޮޅު ފަރާތްތަކުންވެސް އަޅުގަނޑު ހިތުން ރައީސްގެ ހެލްތް ދާއިރާގެ މެނިފެސްޓޯއަށް ކޮށްދެއްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާ. މިސާލަކަށް އައްޑޫ ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ ވާހަކަ ވޭތުވެދިޔަ ސަރުކާރުތަކުންވެސް ދެއްކި. ނަމަވެސް އެކަންކަން ފުރިހަމަނުވެ އޮއްވާ، ހަޤީޤަތަކަށް ހައްދަވައިދެއްވީ ރައީސް ޔާމީން. ހެލްތް ސެކްޓަރ މިހުރީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު މިސްރާބެއްގައި. ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދެނިވި މިސްރާބަކަށް ބައްޓަންކުރެވިފައި. އެކަމަށް ދަޢުލަތުގެ ކޮމިޓްމަންޓް އެބައޮތް. ރައީސް ހަމަ ޙާއްސަ ނަޒަރަކުން އެކަންކަން ބައްލަވާ" - ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސިއްހީ ދާއިރާއިން އާއްމު ރައްޔިތުންނަށް މިއަދު ލިބިގެންދާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ހުސްނުވާ އާސަންދައިގެ ހިދުމަތާއެކު، ބޭސްފަރުވާއަށް އޮންނަ ޔަޤީންކަން އިތުރުވުންކަމުގައެވެ. އަދި ދިވެހި އެއްވެސް ރައްޔިތަކު މިއަދު ބޭސްފަރުވާގެ ހިދުމަތް ނުލިބިފައި ހުންނަން ނުޖެހޭނެކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
"ވަކި ފަރުދަކަށް ބެލުމެއްނެތި ބަލީގެ ހާލަތަށް ރިޢާޔަތްކުރެވި ހުސްނުވާ އާސަންދައިގެ ހިދުމަތް ލިބެމުންދާކަން އެންމެނަށް އެބައިނގޭ. މިއީ ލޯމަތިން ހިނގާ ކަންކަން. ދެން އަޅުގަނޑު ކޮންމެ ރަށަކަށް ޑޮކްޓަރަކު ލުމާއި، ބޭސް ފިހާރައެއް ހުޅުވުމުގެ ވާހަކަ މިހާރު ނުދައްކަނީ، އެއީ ދައްކާދައްކާ ބާވެފައިހުރީމަ. އެންމެންވެސް އެކަންކަން ލޮލުންދެކި އަތުން ހިފިފައިހުރީ. އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު 5 ލޯންޗުވެސް ނެތް އަތޮޅު ހޮސްޕިޓަލްތަކުގައި ދުވާ. މިއަދު 26 ސީ-އެމްބިއުލެންސް މުޅި ރާއްޖޭގައި އެ ހަރަކާތްތެރިވަނީ. އަދި އެމް.އެން.ޑީ.އެފްގެ އެހީގައި ހެލިކޮޕްޓަރުގައި ގެންނަން ޖެހިއްޖެއްޔާ ހެލިކޮޕްޓަރުގައި ގެންނަނީ. އައިލެންޑް އޭވިއޭޝަންގެ އެހީގައި ފްލައިޓުން ގެންނަންޖެހިއްޖެއްޔާ ފްލައިޓުންވެސް ގެންނަނީ. އެހެންވީމަ ދިވެހި ރައްޔިތަކު ބޭސްފަރުވާ ނުކޮށް މިއަދު އޮންނާކަށް ނުޖެހޭ އެނގޭތޯ.. އެކަމަށް ސަލާން ޖަހާކަށް ދިވެހި ރައްޔިތަކު ނުޖެހޭ. އެއޮންނަ އުސޫލްތަކާއި، ހަމަތަކުގެ ތެރެއިން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިއެވަނީ" - މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ރައީސް ޔާމިން ކުރިމަތިލައްވާއިރު، ސިއްހީ އެޖެންޑާ އިތުރަށް ފުޅާވެ ފުރިހަމަވެގެންދާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް މި ސަރަހައްދުން ލިބޭނެ އެންމެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެންދާނެކަމަށާއި، ރައްޔިތުންގެ ހިތްތަކަށް އެންމެ ބޮޑު ލުޔެއް، އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ ދާއިރާއަށް ސިއްހީ ދާއިރާވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.