ޚަބަރު

ކުރީގެ ސަރުކާރުތަކުގެ ދަރަންޏާއެކުވެސް މިދަނީ ތަރައްޤީ ގެންނަމުން


ކުރީގެ ސަރުކާރުތަކުން ވާރުތަވި ދަރަނިތައް އަދާކުރަމުން، ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުނައްވަރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ޕީއެސްއެމްގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަ ދައްވަމުންނެވެ. 

މިނިސްޓަރ މުނައްވަރު ވިދާޅުވީ ކުރީ ސަރުކާރުތަކަށް ދަރަނި ރަނގަޅަށް މެނޭޖުނުކުރެވޭކަމަށެވެ. ނަމަވެސް މިސަރުކާރުން ދަރަނި މެނޭޖްކުރުމަށް ޚާއްޞަ ގޮތްތަކެއް ކަނޑައަޅުއްވާ ރަނގަޅަށް މެނޭޖްކުރަމުންދާ ކަމަށެވެ. އަދި ދަރަނީގެ ބޮޑުބަޔަކީ ޓްރެޜަރީ ބިލް ނުވަތަ ޓްރެޜަރީ ބޮންޑްކަމަށާއި އެއީ ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ދަރަނިތަކެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދަރަނި އަދާކުރުމަށް ފަސޭހަކުރުމަށް މުއްދަތުތައް އިތުރުކުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ބޭރުގެ ލޯންތައް އަދާކުރަން ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މިއަހަރު އެކަނިވެސް މިހާތަނަށް 4 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރުން އަދާކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިސަރުކާރަކީ ކުރީގެ ސަރުކާރުތަކުން ބޮޑު ދަރަންޏެއް ވާރުތަވި ސަރުކާރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ދަރަނިތައް އަދާކުރަމުންވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ސަރުކާރުން ހިންގަމުން އަންނަކަމަށެވެ.ކުރީގެ ސަރުކާރުތަކުގައި ދަރަނީގެ ގޮތުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި 19 ބިލިއަން ރުފިޔާ ނަގާފައިވާކަމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ނުވަތަ ޕީއެސްއައިޕީއަށް ޚަރަދުކޮށްފައިވަނީ އެންމެ 9 ބިލިއަން ރުފިޔާކަމަށެވެ. އަދި ބޮޑު ބައި ހޭދަކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށް ކަމަށާއި އެގޮތުން އަށްޑިހައާއި ނުވަދިހަ އިންސައްތަ ހޭދަކޮށްފަވަނީ މުވައްޒަފުންގެ މުސާރައަށެވެ. ނަމަވެސް މިސަރުކާރުން ރިކަރަންޓް ޚަރަދު ކުޑަކޮށް ރައްޔިތުންނާ ގުޅުންހުރި މަޝްރޫޢުތަކަށް ނުވަތަ ކެޕިޓަލް ޚަރަދަށް ހޭދަކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ސަބަބުން އެކަމުގެ ނަފާ ރައްޔިތުންނަށް ކުރަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހޫށަހަޅުއްވާފައިވަނީ ހަތާވީސް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ބަޖެޓުގެ 57 އިންސައްތަ ޚާއްޞަކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ 16.1 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓްގެ %43 ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކެޕިޓަލް ޚަރަދުތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާއެވެ.