ތަރައްްޤީ

ބްރިޖަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާ ބީމްތައް ރާއްޖެ ގެންނަނީ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ސުޕަރ-ސްޓްރަކްޗަރއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާ ބީމްތައް އަންނަ ޖެނުއަރީމަސް ނިމުމުގެ ކުރިން ރާއްޖެ ގެނެއުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބްރިޖްގެ މަޝްރޫޢާއި ގުޅޭގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ސުޕަރ-ސްޓްރަކްޗަރއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާ ބީމްތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ. ޗައިނާގައި އުފައްދާ މި ބީމްތަކަކީ ބްރިޖްގެ ސްޕަރ ސްޓްރަކްޗަރ ނުވަތަ ޑެކްގެ ބައިތައް އެތުރުމުގެ ކުރިން ބްރިޖްގެ މައިތަނބުތައް އެއްތަނބު އަނެއްތަނބާއި ގުޅާލުމަށްޓަކާ ދަނގަޑާއި ކޮންކްރީޓް ބޭނުންކޮށްގެން ތައްޔާރުކުރާ ބީމްތަކެކެވެ. ސްޓީލް ބޮކްސް ގާޑާ ބީމްތައް މިއަންނަ އަހަރުގެ ޖެނުއަރީމަސް ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. ޗައިނާގައި ތައްޔާރު ކުރަމުންދާ ސްޕަރ ސްޓަރަކްޗާރގެ ބައިތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހައުސިންގ މިނިސްޓަރ ދާދިފަހުން ޗައިނާއަށް ވަނީ ޒިޔާރާތްކުރައްވާފައެވެ.



ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަކީ އިމާރާތްކުރުމުގެ ދާއިރާއާއި، އިންޖިނިއަރިންގެ ދާއިރާއިންވެސް ރާއްޖޭގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އަދި އެންމެ ތަފާތު އެއް މަސައްކަތެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރަމުން އަންނަ ހަލުވިމިން ރަމްޒުކޮށްދޭ އުއްމީދީ މަޝްރޫޢެކެވެ. ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އިންޖިނިއަރިންގ އިން ކުރިއަށް ގެންދާ މިމަސައްކަތުގައި އެކުންފުނީގެ 1000 ވުރެ ގިނަ މަސައްކަތްތެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.



މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖުގެ ހުރިހާ މަސައްކަތެއްވެސް ކަނޑައަޅާފައިވާ ޝެޑިއުލާއެއްގޮތަށް ކުރިއަށްދާކަން ހައުސިންގ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބްރިޖްގެ ޑެކް ނުވަތަ ސްޕަރ ސްޓްރަކްޗަރ އެތުރުމަށް އެއްތަނބު އަނެއްތަނބާ ދެމެދު އަޅާ އައިބީމްތައް އެތުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ބްރިޖްގެ މާލެއާވީކޮޅުން އެޕްރޯޗް ބްރިޖުން މި މަސައްކަތް ފަށާފައިވާއިރު، ބްރިޖްގައި ޖުމުލަ 240 އައިބީމް އަޅާނެއެވެ. އެޕްރޯޗް ބުރިޖްގެ ތަނބުތަކުގެ މަސައްކަތުގެ ބޮޑުބައިވެސް ނިމިފައިވާއިރު، މެއިން ބްރިޖަށް ބޭނުންވާ މައި ތަނބުތަކުގެ މަސައްކަތްވެސް މިހާރު މިވަނީ ނިމުމަކާއި ގާތްވެފައެވެ. މާލެއާއި ހުޅުލެ ގުޅުވައިދޭ މި ބްރިޖުގެ މެއިން ޕްލެޓްފޯމުގައި މައި 5 ތަނބު ހިމެނޭއިރު، ކަނޑަށް ޖަހާފައިވާ މި މައިތަނބުތަކުގައި މިހާރު ކުރިޔަށް ދަނީ ވީއަކުރުގެ ސިފަޔަށް ހުންނަ ކެޕްތައް ނުވަތަ ކޮންކްރީޓް ބިޔަ ބެރިތަކުގެ މަސައްކަތެވެ.

ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ ބްރިޖްގެ މަސައްކަތް 26 ޖުލައި 2018 ގެ ނިޔަލަށް ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާ، އާއްމުންނަށް ބޭނުންކުރަން ހުޅުވާލުމަށެވެ.