ޚަބަރު

ފެނަކައިގެ އިންޖީނުގެތައް އަގުމަގު ކުރަން ބަޔަކާ ހަވާލުކޮށްފި


ފެނަކައިގެ ދަށުގައިވާ އިންޖީނުގެތައް އަގުމަގު ކުރުމަށް އަމިއްލަ ކުންފުންޏެއްކަމަށްވާ އެފް. ޖޭ.އެސް އެސޯސިއޭޓްސްއާ ހަވާލުކޮށްފިއެވެ.

އިންޖީނުގެތައް އަގުމަގުކުރުމަށް އެފް. ޖޭ.އެސް އެސޯސިއޭޓްސް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. އެފް. ޖޭ.އެސް އެސޯސިއޭޓްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސާނާ މަންސޫރުއެވެ. 

މި އެއްބަސްވުމުގެ ދަށުން ފެނަކައިން ޚިދުމަތް ދޭ ރަށްރަށުގައި ޤާއިމުކޮށްފައިވާ އިންޖީނުގެތަކާއި އެތަންތަން ހިންގުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް އަގުމަގުކޮށް ބަލަހައްޓަންޖެހެއެވެ. މި މަސައްކަތް އެފް. ޖޭ.އެސް އެސޯސިއޭޓްސް އާއި ހަވާލުކޮށްފައިވަނީ 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މި މަސައްކަތް ނިމުމުން ފެނަކައިގެ ރައުސްމާލުގައި ހުރި މުދަލާއި ތަކެތީގެ އަގު އެގިގެންދާނެއެވެ. އެއާއި އެކު ފެނަކައިގެ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ކަންކަމަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ އެހީގައި ކުރިއަށް ގެންދާ މަސައްކަތެކެވެ.

މިމަސައްކަތަކީ މިހާތަނަށް ކުރެވިފައިވާ މަސައްކަތެއް ނޫންކަމުން، ފެނަކައިން ދޭ ޚިދުމަތް ރަނގަޅުކޮށް ހަރުދަނާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. މި މަސައްކަތުގެ ސަބަބުން މި ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންނަށް ދޭ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ދެވިގެންދާނެކަމަށް ފެނަކައިން ބުނެއެވެ.