ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް ބަޔާން މިޔުނިކްއިން ޖަރުމަން ބުންޑަސްލީގާ ތާވަލްގެ އެންމެ ކުރިން ފަރަގު ހަ ޕޮއިންޓަށް އިތުރުކޮށްފިއެވެ.
ޑޯޓްމަންޑް ދަނޑުގައި ރޭ ކުޅުނު މިމެޗު ބަޔާން ކާމިޔާބުކުރީ ތިނެއް އެކަކުން. މިމެޗުގައި ބަޔާންގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އާރްޔަން ރޮބެން އާއި ރޮބާޓް ލެވަންޑޮސްކީ އަދި ޑޭވިޑް އަލާބާއެވެ.
ޑޯޓްމުންޑުން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު މާކް ބާތްރާއެވެ.
ބޮރޫޝިއާ ޑޯޓްމުންޑަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. އެވެސް ޖަރުމަން ކަޕްގައި ޖަރުމަންގެ ތިންވަނަ ޑިވިޝަންގެ ޓީމަކާ ބައްދަލުކުރި މެޗެވެ.
ސީޒަންގެ ކުރީކޮޅު ޖަރުމަންގެ އެންމެ ފޯމުރަނގަޅު ޓީމުގެ ގޮތުގައި ގިނަ މެޗުތަކެއް ކާމިޔާބުކުރަމުންދިޔަ ޑޯޓްމަންޑަށް މިހާރު މިވަނީ ވަރަށް ދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ބަޔާންގެ މައްޗަށް ފަސް ޕޮއިންޓުގެ ލީޑެއް އޮތް ޑޯޓްމަންޑް މިހާރު މިވަނީ ބަޔާންއަށްވުރެ ހަ ޕޮއިންޓް ފަހަތައް ވެއްޓިފައެވެ.
އަނެއްކޮޅު ބަޔާން މިކުނިކް މިވަނީ ސީޒަންގެ ކުރީކޮޅު ޓީމުގެ ފަރާތުން ފެނިގެންދިޔަ ދަށް ނަތީޖާތައް ފަހަތައް ޖައްސާލުމަށްފަހު އާކޯޗު ޔުޕް ހޭންކެސްގެ ބެލުމުގެ ދަށުން ނެރެމުންދާ ނަތީޖާތައް ރަނގަޅުކޮށްފައެވެ.