އޭދަފުށީގެ 589 ގޭބީސީގެތެރެއިން 500 އަށްވުރެ ގިނަ ގެބީސީން، އެރަށުގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އޭދަފުށީގައި ފެނުގެ ނިޒާމު ޤާއުމުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުވަނީ ޓޭންކުތައް ބަހައްޓާ ފައުންޑޭޝަންގެ މަސައްކަތްތައް ނިމިފައެވެ. އަދި މިހާރު ޕްލާންޓްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް ސެކްޝަން ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭދަފުށީ ކައުންސިލުން މަޢުލޫމާތުދެއެވެ.
އާބާދީގައި ތިންހާސް ތިންސަތޭކައަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އޭދަފުއްޓަކީ އަތޮޅުގެ ވެރިކަންކުރާ ރަށެވެ. ސަރުކާރުން ގެންދަނީ އޭދަފުށީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން އޭދަފުށީގެ ފެނުގެ ވިއުގަ ރަނގަޅުކޮށް ރައްކަތެރި ފެނު ނިޒާމެއް ޤާއިމުކުރުމަށް، އެރަށުގައި ފެން ޕްލާންޓެއް ޤާއިމުކުރުމަށް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓަޑާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެތެރޭގައެވެ.
އޭދަފުށި ކައުންސިލުން މަޢުލޫމާތުދޭގޮތުގައި މި މަސައްކަތް އަންނަ އަހަރުގެ އޭޕްރިލް މަހަށް ނިންމުމަށް ކޮންޓްރެކްޓަރ ދަނީ މަސައްކަތްކުރަމުންނެވެ.
ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން، ޓޭންކްތައް ބެހެއްޓުމަށް އަޅަންޖެހޭ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އަދި ޚިދުމަތް ފެށުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރާނެ ސެކްޝަނެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ.
އޭދަފުށި ކައުންސިލްގެ ރައީސް ޠަލާލް ޢަބްދުލްރަޙްމާން ވިދާޅުވީ ފެނުގެ ޚިދުމަތަށް ގޭބިސީތަކުން ރަޖިސްޓްރީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އޭދަފުށި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެދަށުން 182 ޓަނުގެ ރިވަރސް އޮސްމޮސިސް ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މި ޕްލާންޓަކީ ތިރީސްމީޓަރު ބިމުއަޑިއަށް ބޯ ހޯލް ތޮރުފައިގެން ފެން ނަގައިގެން ފެންސާފުކޮށް ފޯރުކޮށްދޭ ޕްލާންޓެކެވެ.
މި މަޝްރޫޢުގެދަށުން 15 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލާންޓަކީ މުޅި އޭދަފުށްޓަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭ ކެޕޭސިޓީގެ ޕްލާންޓެކެވެ. ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެކު އެންވާރމެންޓް މިނިސްޓްރީން ސޮއިކޮށްފައިވަނީ ބ.އޭދަފުއްޓާއި ތ.ވިލުފުށީގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުމަށެވެ. މި ދެ މަޝްރޫޢައަކީ އޮޕެކް ފަންޑް ފޯރ ޑިވެލޮޕްމެންޓް ލޯނު އެހީއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަތްދިހަ ހަތަރެއް ޕޮއިންޓް ތިނެއް މިލިއަން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ދެމަޝްރޫޢެކެވެ.