ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުކުގެ މަސައްކަތް ފެށުމަށް، ޒޯން ދޭއްގެ 12 ރަށެއްގެ ކައުންސިލްތަކާއި ވެމްކޯއާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ރަށު ފެންވަރުގައި ނައްތާނުލެވޭ ކުނީގެ ބާވަތްތައް، ވެމްކޯގެ ބެލުމުގެ ދަށުން ރ.ވަންދޫގައި ޤާއިމުކޮށްފައިވާ ޒޯން ދޭއްގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންގޮސް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޒޯން ދޭއްގައި ކުނިމެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ބާ އަތޮޅު އޭދަފުށީގައި ކުރިއަށްގެންދިޔަ ސާފު ރާއްޖެ މަހާސިންތާގައެވެ.
ނ، ރ، ބ، ޅ މިއަތޮޅުތައް ހިމެނޭ ޒޯނަކީ ސަރަޙައްދީ ކުނިމެނޭޖުކުރާ މަރުކަޒައް ކުނި ގެންގޮސްގެންގެން ކުނި ނައްތާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ފުރަތަމަ ޒޯނެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން މަޢުލޫމާތުދޭ ގޮތުގައި ހަތަރު އަތޮޅު ހިމެނޭ މި ޒޯނުގެ ރަށްތަކުން ކުނި ނަގައި، ރ.ވަންދޫގައި ހަދާފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންގޮސް، ކުނި ނައްތާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާނެއެވެ.
ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ރަށު ކައުންސިލުން ކުރިއަށްގެންދާއިރު، ރަށު ފެންވަރުގައި ނައްތާނުލެވޭ ކުނި ރީޖަނަލް ސެންޓަރަށް ގެންގޮސް ނައްތާލުމަށް ބާރަ ރަށު ކައުންސިލުންވަނީ އެއްބަސްވެފައެވެ. މި ޕްރޮގްރާމްގެދަށުން ރަށްރަށުގެ ކުނި މެނޭޖްކުރާ ސަރަޙައްދުން ކުނި ނަގައިގެން ވަންދޫއަށް ގެންގޮސް ކުނި ނައްތާލުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ ވެމްކޯގެ ބެލުމުގެދަށުންނެވެ.
img:http://s4.psmnews.mv/images/660x400/15096358592774.jpg|ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެމްކޯއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ؛ ޕީއެސްއެމް
ކައުންސިލްތަކުން ކުނި މެނޭޖުކުރާ ނިޒާމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި މަހާސިންތާގައި ޒޯން ދޭއްގައި ކުނި އުކުމުގެ މަސައްކަތަށް ކުރުމަށް ކޮންމެ ގޭބިސީއަކުން 30 ރުފިޔާ ނެގުމަށްވަނީ ނިންމާފައެވެ.
ދެދުވަހުގެ މުއްދަތަށް އޭދަފުށީގައި ކުރިއަށް ގެންދިޔަ ސާފު ރާއްޖެ މަހާސިންތާގެ ނިންމުން ފާހަގަކުރުރައްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަލީ އާމިރް ވިދާޅުވީ، ކައުންސިލްތަކުން ކުނި މެނޭޖުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ހުރިހާ މަގެއް ފަހިކޮށްދޭނެކަމަށެވެ. ނަމަވެސް މި މަސައްކަތަކީ ކައުންސިލްތައް ބާރުވެރިކުރުވައި، ރަށުގެ ތަރައްޤީއަށް ކައުންސިލްތަކުން ކުރާ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ޢަލީ އާމިރުވަނީ ކައުސްސިލްތަކަށް ގޮވާލާފައެވެ.
މަހާސިންތާގައި ބައިވެރިވި ކައުންސިލްތަކުން ފާހަގަކޮށްފައިވާގޮތުގައި، މި މަހާސިންތާގެ ސަބަބުން ކުނި މެނޭޖުކުރުމަށް ކައުސްސިލްތަކަށް ދިމާވެފައިވާ ދަތިތައް މިނިސްޓްރީއާއިއެކު ޙިއްސާ ކުރުމާއި، އެކަންކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ކައުންސިލްތަކަށް މި މަސައްކަތް އިތުރަށް ހަރުދަނާކުރާނެ ގޮތްތައްވަނީ އެނގިފައެވެ.
މި މަސައްކަތުގެ ދަށުން ފުރަތަމަ ނެގުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ކުނިގޮނޑުތަކުގައި މިހާރު ޖަމާވެފައިވާ ކުންޏެވެ. އެގޮތުން ކޮންމެ ރަށަކުން މަހަކު އެއްފަހަރު ކުނި ނެގުމަށްވަނީ މަހާސިންތާގައި ނިންމާފައެވެެ. އޭދަފުށީގަ ބޭއްވި މަހާސިންތާގައި 44 ރަށަކުން ޖުމްލަ ނުވަދިހަ ފަރާތެއް ބައިވެރިވެފައިވެއެވެ.