ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް: އިސްލާމީ ތާރީޚު ވަރުގަދަކޮށްދޭނެ ބިނާއެއް


  • މިއަދު ވަނީ ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ގެ ބިންގާ އަޅުއްވާފައި

  • މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ، ދިވެހިންގެ ސަޤާފަތާއި، އިޖުތިމާއީ ދިރިއުޅުމުގެ އިތުރުން، ގައުމީ ވަންތަކަމުގައިވެސް އިސްލާމްދީނަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވުމެވެ. ރާއްޖޭގައި ޤާއިމްކޮށްފައިވާ މިސްކިތްތަކަކީ ރާއްޖޭގެ އިސްލާމީ ޝަހްސުގެ ރަމްޒުކަމަށްވުމާއި އެކު، ރާއްޖެއަށް ބޭނުންވާ އިތުރު މިސްކިތްތައް އެޅުމާއި، މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖާގަ އިތުރުކޮށް އައު މިސްކިތްތައް އެޅުމުގެ މަސައްކަތަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.

ހަލުވިކަމާއެކު އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގެ ރަށްވެހިންނަށް ދާއިމީ މިސްކިތްތަކާއި ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަކީ ސަރުކާރުގެ އަމާޒެވެ. ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަހައްދުތައް އިތުރުވަމުން އަންނައިރު، ރައްޔިތުންނަށް ބޭނުންކުރެވޭނެ ދާއިމީ މިސްކިތްތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޭގެތެރޭގައިވެސް އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ރާއްޖޭގައި މިހާތަނަށް ޤާއިމްކުރާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ޤާއިމްކުރުމުގެ މަސައްކަތެވެ. މިމިސްކިތާއި މެދު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ރައްޔިތުންނާއި ހިއްސާކުރައްވާފައިވަނީ ރިޔާސީ ބަޔާނުގައެވެ. ރައީސްގެ ވިސްނުންފުޅަކަށްވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ ފަޚުރުވެރި މުނާސަބަތާއި ގުޅުވައިގެން، މި މިސްކިތުގެ ބިންގާ އެޅުއްވުމެވެ. އެ ދުވަހު ރައީސް، ރައްޔިތުންނަށް ދެއްވި އުއްމީދު ފުރިހަމަކޮށްދެއްވުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާއިން ވަނީ ވަރަށް ފުރިހަމައަށް ކަންކަން ތަރުތީބުކުރައްވާފައެވެ.

މިއަހަރުގެ ކުރިކޮޅުން ފެށިގެން މިމިސްކިތުގެ މަސައްކަތުގެ ޑިޒައިން ފައިނަލްކުރުމާއި، ފައިނޭންސިން މަރުހަލާގެ މަސައްކަތް އެ ވުޒާރާއިންވަނީ ކުރައްވާފައެވެ. މިމިސްކިތަށް ބޭނުންވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާ ހަވާލުކުރައްވާފައިވަނީ 10 ޖޫން 2026ގައެވެ. މީގެއިތުރުން، މި މަޝްރޫޢަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު އެވުޒާރާއިން ފަހުމުނާމާއެއްގައި ސޮއިކުރައްވައި މި މަސައްކަތަށް ބޭނުންވާ ބިން އެ ކުންފުންޏާއި ހަވަލުކުރީ އިއްޔެއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވި ތާރީޚަށް މަސައްކަތް ފަށަން ތައްޔާރުވެ، މިއަދު މިމިސްކިތުގެ ބިންގާ އެޅުމަކީ، މި މަސައްކަތް ރައީސް ބޭނުންފުޅުވިގޮތަށް ކުރިއަށް ގެންދެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެއްވި މަސައްކަތުގެ ފުރިހަމަ ނަތީޖާއެވެ.

"ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ"ގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ރާއްޖޭގެ އިސްލާމީ ތާރީޚަށް މުހިންމު ބިނާއެކެވެ. މިއީ، ރާއްޖޭގެ އިސްލާމީ ޙަޟާރަތާއި، މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއެކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ޤާއިމްކުރާ މި މިސްކިތަކީ ޖާގަ ތަނަވަސް، ޒަމާނަށް ފެތޭ، ޗާލު، ހިތްގައިމު މިސްކިތަކަށްވާނެއެވެ. މި މިސްކިތުގައި 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް އެކުލިވެގެންވެއެވެ. މިއީ މިހާރު މާލޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒަށްވުރެ ބޮޑު ބިނާއެކެވެ. އިސްލާމީ މަރުކަޒުގައި އެއްފަހަރާ ނަމާދު ކުރެވެނީ ގާތްގަނޑަކަށް 4،500 މީހުންނަށެވެ.

މިމިސްކިތަކީ ހަމައެކަނި ނަމާދުކުރުމަށް ބިނާކުރާ ބޮޑު އިމާރާތެއް ނޫނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިނ ހާމަކުރައްވާފައިވާ ގޮތުގައި، މި މިސްކިތް ވާނީ ބޮޑު އިސްލާމީ މަރުކަޒެއްގެ ބަޔަކަށެވެ. މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް މިމިސްކިތުގައި ޤާއިމްކުރާނެއެވެ.

މި މިސްކިތަކީ، އީމާންކަމާއި، ޢިލްމާއި، ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައަކަށްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިމިސްކިތް ވާނީ ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއަކަށެވެ. އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރާނެއެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް ޤާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިމިސްކިތުގައި ހުންނާނެއެވެ.

މިމަޝްރޫއު މުހިންމުވަނީ ހަމައެކަނި އޭގެ ބޮޑުމިނަކުން ނޫނެވެ. މި މިސްކިތް ޚާއްސަވަނީ އެ ބިނާއިން ރަމްޒުކޮށްދޭ ކަންތައްތަކުގެ ސަބަބުންވެސް މެއެވެ. މިއީ އަޅުކަމާއި، ތަޢުލީމާއި، ސަގާފަތް އަދި އިޖުތިމާޢީ ހަރަކާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ ބޮޑު މަޝްރޫޢެކެވެ. ގައުމީ ވަންތަކަން އިސްލާމްދީނާ ގުޅިފައިވާ ގައުމެއްގައި، މި މިސްކިތް ވާނީ ދިވެހިންގެ އިސްލާމީ ތަރިކައާއި މުސްތަގުބަލު ރަމްޒުކޮށްދޭ މުހިންމު ބިނާއަކަށެވެ. މިއީ މިސްކިތްވާނީ ރާއްޖޭގެ އިސްލާމީ ވަހުދަތު މާދަމާގެ ޖީލަށް ފަޚުރުވެރިކަމާއިއެކު ފޯރުކޮށްދިނުމުގެ މެދުވެރިއަކަށެވެ.