ޚަބަރު

އިންޑަސްޓްރިއަލް ޕާރކް ޢިމާރާތުގެ ބިންގާ އަޅައިފި


ކުދިވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ އިންޑަސްޓްރިއަލް ޕާރކް ޢިމާރާތުގެ ބިންގާ އަޅައިފިއެވެ. 

މިއީ 120 ގިނަ ކުދިވިޔަފާރިތަކަށް އެއްފަހަރާ މަސައްކަތް ކުރުމުގެ ޖާގަ ހިމެނޭ މަރުކަޒެކެވެ. މީގެ އިތުރުން ފަސްފެކްޓްރީ މި މަރުކަޒުގައި ހިމެނޭނެއެވެ.

ކުދިފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އިންޑަސްޓްރިއަލް ޕާރކް ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. 

ބިންގާ އެޅުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނިމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ މިއަދު ޒުވާނުން ވިޔަފާރީގެ ވަހަކަ ދައްކާ މިންވަރު އިތުރުވެފައިވާކަމަށާ ޒުވާނުން، ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ވަންނަ މިންވަރު އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މި ސަރުކާރުން ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކެނޑި ނޭޅިކުރައްވާކަމަށް އޭނާ ވިދަޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، މިއީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ފެށްޓެވި ޕްރޮޖެކްޓެއް ކަމަށާއި، އެގޮތުން މި ޕްރޮޖެކްޓް ފެށިގެން ދާއިރު، މިތަނުގައި ފަސް ބާވަތެއްގެ ޕްރޮޑަކްޓް އުފައްދާނެ ކަމަށެވެ.

"މިތަނުގައި ހުންނާނެ ފެކްޓްރީ ފަސް ބާވަތެއްގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރަން. މިތާ ހުންނާނެ ސޮފްޓޯއިސް ފެކްޓްރީ. ދެން ހުރިހާ އެސްއެމްއީތަކަށް އެއްފަހަރާ މިތާ މަސައްކަތް ކުރެވޭނެ. މިތަނަކީ އިންކިޔުބޭޓާއެއް. މިތަނަކީ 120 އެސްއެމްއީ މަސައްކަތް ކުރާނެ ތަނެއް. މިތަނަކީ އައިޓީ އިންޑަސްޓްރީ އަލުން ދުނިޔެއަށް ގެންނާނެ ފެކްޓްރީއަކަށްވާނެ. އެޕްލިކޭޝަން އެއްޗެހި އުފައްދަން ޖާގަ ހުންނާނެ." މިނިސްޓަރު ސައީދު ވިދާޅުވިއެވެ. 

ހުޅުމާލެގެ އިންޑަސްޓިރިއަލް ސަރަހަށްދުގައި ތަރައްގީ ކުރާ އެސްއެމްއީ އިންޑަސްޓްރިއަލް ޕާކުގައި ފަސް ބާވަތެއްގެ ޕްރޮޑަކްޓް އުފެއްދާއިރު އޭގެ ތެރޭގައި ސޮފްޓް ޓޯއިވެސް ހިމެނެއެވެ. އަދި މި ޕާކުގައި އަލަށް ވިޔަފާރިއަށް ވަންނަ މީހުންނަށް އޮފީސް ޖާގަ ދޫކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުން ހުރި މަސައްކަތްތައްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސެންޓަރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއިބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ  މި ޕްރޮޖެކްޓްގެ ސަބަބުން ހުޅުމާލެއާ ގްރޭޓާ މާލެ ސަރަހައްދުގައި ހުރި ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑެތި ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ. 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުމްތާޒް ވިދާޅުވީ، ރަނގަޅު ސަސްޓެއިނަބަލް އެސްއެމްއީ ސިސްޓަމެއް ގާއިމް ކުރެއްވުމަށްޓަކައި މީގެ ކުރީގެ ސަރުކާރުތަކުގައި ކަންތައްތަކެއް ކުރިނަމަވެސް، އެ ކަންތައްތަކުން ރަނގަޅު ނަފާއެއް ހޯދޭނެ މަގު ތަނަވަސްކޮށްދެއްވީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެސްއެމްއީ އާގުޅޭގާނޫނުތައް އިތުރަށް ރަނގަޅުކޮށް، އިތުރު ގާނޫނުގެ މަސައްކަތްތައް ކޮށްފައިވާކަންވެސް މުމްތާޒް ފާހަގަކުރެއްވިއެވެ. 

މި އިންޑަސްޓްރިއަލް ޕާކުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މިތަން ހުޅުވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މުއުލޫމާތުދެއެވެ.