ވިޔަފާރި

ރީޖަނަލް އެމްއެމްއީ ފޯރަމް 2017 މުލަކަތޮޅުގައި ފަށައިފި


ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މީމުއަތޮޅުގައި ބާއްވާ އެސްއެމްއީ ފައިނޭންޝަލް ފޯރަމް ފަށައިފިއެވެ.

މި ފޯރަމްގައި ޖުމްލަ 180 ފަރާތަކުން ބައިވެރިވެއެވެ.

ރީޖަނަލް އެސްއެމްއީ ފައިނޭންޝަލް ފޯރަމް 2017ގެ ނަމުގައި ބާއްވާ މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށާއި، މިހާރު ފަށައިފައިވާ ވިޔަފާރިތަކަށް ފައިނޭންސް ހޯދާނެގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދައިދިނުމެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ މި ފޯރަމްގެ ސަބަބުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަންކަމަށް ހައްލުހޯދާނެގޮތްތައް ދެނެގަނެވިގެންދާނެކަމަށެވެ. ތައުފީޤް ވިދާޅުވީ، ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި މިފަދަ ފޯރަމްތަކުގައި ބައިވެރެރިވާ ފަރާތްތަކުގެ އަދަދު އިތުރުވުމަކީވެސް މިކުރެވުނު މަސައްކަތުގެ ރަނގަޅު ނަތީޖާއެއްކަމަށް ތައުފީޤް ފާހަގަކުރެއްވިއެވެ.

މި ފޯރަމުގައި، ބޭންކުތަކުން ފައިނޭންސް ފޯރުކޮށްދޭ ގޮތްތަކާއިބެހޭގޮތުންވެސް މަޢުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިސްލާމިކް ބޭންކާއި، ބެންކް އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންވެސް މަޢުލޫމާތު ޙިއްސާ ކުރާނެއެވެ.

އެއްދުވަހުގެ މުއްދަތަކަށް މުލަކުގައި ކުރިއަށްދާ މި ފޯރަމްގެ ތެރެއިން ނެޓްވޯކިންގ ސެޝަންތައްވެސް ކުރިއަށްދާނެއެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީއާއި އެންޓަޕްރައިޒް ޑިވެލޮޕްމަންޓާއި ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގައި، އަލަށް ވިޔަފާރިއެއް ފަށާނެގޮތާއި މިހާރު ފަށާފައިވާ ވިޔަފާރިތައް އިތުރަށް ކުރިއަރުވާނެގޮތްތައްފަދަ، މުހިންމު މަޢުލޫމާތުތައް ދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީމު އަތޮޅުގެ 8 ރަށަކުން ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ތިރީސް ހަތަރަކަށްވުރެ ގިނަ ފަރާތުން މި ފޯރަމްފގައި ބައިވެރިވެއެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދަ ފޯރަމެއް އައްޑޫ ސިޓީގެ ހިތަދޫގައިވެސް ކުރިއަށްގެންގޮސްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ލޯނުދޫކުރުމާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ވިޔަފާރި ފަށައިގެން ކުރިއަށްގެންދާނެގޮތުގެ މަޢުލޫމާތު ދިނުމަށް ހިންގާ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.