ސްޕޭނުގެ ޤައުމީ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ ސިޔާސީ ފިކުރާއި، ކުޅިވަރާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި ޤައުމީ ޓީމުގައި ޕީކޭ ދެމިހުންނާނެ ކަމަށް ސްޕޭނުގެ ކޯޗު ހުއާން ލެޕޮޓެގުއި ބުނެފިއެވެ.
ކޯޗު މިހެން ބުނީ ޕީކޭ ނިސްބަތްވާ ކެޓަލޯނިއާއިން ސްޕޭނާ ވަކިވެ ވަކި ދައުލެއް ޤާއިމްކުރަން ކުރާ މަސައްކަތަށް އޭނާ ތާއީދު ކުރުމާ ގުޅިގެން ސަޕޯޓަރުން ޕީކޭއާ ދިމާ ކުރުމުން ޓީމުގެ ޕްރެކްޓިސް ހުއްޓާލަން ޖެހިފައިވަނިކޮށެވެ. ޕީކޭގެ ކުލަބު ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާ މިނިވަންވުމަށް ކުރާ މަސައްކަތަށް ތާއީދުކޮށް ޕީކޭ ވާހަކަ ދައްކާތީ އެއީ މައްސަލައެއް ކަމަށް ސްޕޭނުން ދެކޭނަމަ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ވޯލްޑް ކަޕާއި ޔޫރޯ ސްޕޭނަށް ކާމިޔާބުކޮށްދިން ޓީމުގައި ވެސް ކުޅުނު ޕީކޭ ވަނީ ބުނެފައެވެ. ސަޕޯޓަރުން އޭނާއާ ދިމާކުރީ މިފަދައިން ވާހަކަ ދެއްކުމުންނެވެ.
ނަމަވެސް ކޯޗު ލެޕޮޓެގުއި ބުނީ ކެޓަލޯނިއާގެ މައްސަލައަކީ ޕީކޭގެ ސިޔާސީ ފިކުރާ ގުޅިފައިވާ ކަމެއް ކަމަށާއި ސްޕޭނުގެ ޤައުމީ ޓީމަށް ކުޅެން ކުޅުންތެރިޔާ ހުރީ ތައްޔާރަށް ކަމަށެވެ. އަދި އެއްވެސް މީހެއްގެ ސިޔާސީ ފިކުރާއި ކުޅިވަރާ ގުޅުން ނެތް ކަމަށާއި ޕީކޭގެ އަމިއްލަ މިނިވަންކަމާ ނުބެހިތިބުމަކީ އެންމެ ރަނގަޅުގޮތް ކަމަށް. އަދި ކުޅުންތެރިޔާ ވެސް ސިޔާސީ ފިކުރާއި ޤައުމީ ޒިންމާއާ ވަކިކުރާ ކަމަށެވެ.
ކޯޗު މިފަދައިން ވާހަކަ ދެއްކި ނަމަވެސް ޕީކޭ އާއި ރެއާލް މެޑްރިޑާއި ސްޕޭނުގެ ގައުމީ ކެޕްޓަން ސާޖިއޯ ރާމޯސްއާ ދެމެދު މި މައްސަލާގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ކަމަށް ސްޕޭނުގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ޓީމުގެ އެންމެ އިސް ދެ ޑިފެންޑަރުންގެ މެދުގައި މައްސަލައެއް އޮތް ކަމަށް ކޯޗު ވަނީ އިންކާރުކޮށްފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ސްޕޭނަށް ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކޮށް ވޯލްޑް ކަޕަށް ކޮލިފައިވެވޭނެއެވެ.