ކުޅިވަރު

ޚާއްޞަ މެޗުން ޕޮއިންޓެއް ހޯދަން ނާސިރު ނިއުއާ ދެކޮޅަށް


ކުޅުންތެރިއެއްގެ ގޮތުގައި ނިއުރޭޑިއަންޓާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުރީގެ ޑިފެންޑަރ މުޙައްމަދު ނާސިރު ކޯޗެއްގެ ގޮތުގައި އެޓީމް އަތުން ޕޮއިންޓެއް ހޯދަން ނިކުންނަން ތައްޔާރުވެއްޖެއެވެ.

ނާސިރު ބުނީ އެކުގައި އަދި އިދިކޮޅަށް ކުޅުނު ކުޅުންތެރިންނާ ދެކޮޅަށް އަތޮޅު ތެރޭގެ ކުޑަ ޓީމެއް ގޮވައިގެން މިރޭ ނިކުންނަ މެޗު ވަރަށް ޚާއްޞަ ކަމަށެވެ. ނިއުރޭޑިއަންޓަށް ހަ އަހަރު ކުޅެ، އެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މުޙައްމަދު ނާސިރު މިރޭ އެކްލަބާ ދެކޮޅަށް ނިކުންނާނީ މިލަންދޫ ގޮވައިގެންނެވެ. އެންމެ ފަހުން ދެމެޗުގައި ރަނގަޅު ކުޅުމަކާއެކު، ރަނގަޅު ނަތީޖާއެއް ނެރުނު މިލަންދޫ ޓީމް ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުންނައިރު ނާސިރު ބުނީ ނިއުއަކީ އެހެން ޓީމްތަކާ ތަފާތުކޮށް ކުޅޭ ޓީމެއް ކަމަށާއި، އަޝްފާޤާއި، އޮއްޕު އަދި ސެންޓޭ ފަދަ އިންޑިވިޖުއަލީ މޮޅު ކުޅުންތެރިންތަކެއް އެޓީމްގައި އެބަތިބިކަމަށެވެ. ނިއުއަކީ ބައިވަރު މޫވްމަންޓްތަކެއް ކުރާ ޓީމަކަށް ވުމުން އުނދަގޫވާނެކަމަށް އޭނާ ބުންޏެވެ. ނިއުއާއި ދެކޮޅަށް ނިކުތުމަކީ ޚާއްޞަކަމެއްކަން ފާހަގަކުރަމުން އޭނާ ބުނީ ޚާއްޞަ މެޗުގައި މަދުވެގެން ޕޮއިންޓެއް ބޭނުންވާކަމަށެވެ.

" އެހެން ޓީމްތަކާ ބަލާއިރު ތަފާތުކޮށް ކުޅޭ ޓީމެއް ނިއުއަކީ. އެޓީމްގެ މޫވްމަންޓްތައް އަވަސްވުމުން އުނދަގޫވާނެ. އެކަމަކުވެސް މެޗަށް ނިކުންނާނީ ކުރީގެ ކުޅުން ( އެންމެ ފަހުން ކުޅުނު ދެމެޗުގެ ) ތަކުރާރުކޮށް މެޗުން ޕޮއިންޓެއް ހޯދަން. " ކުރީގެ ޤައުމީ ޑިފެންޑަރު ބުންޏެވެ.

img:http://s2.psmnews.mv/images/660x400/15050201994406.jpg|ނާސިރު މިލަންދޫ ޓީމަށް އިރުޝާދުދެނީ: ފޮޓޯ-މިލަންދޫ އެފްސީ

ނިއުރޭޑިއަންޓް އޭއެފްސީކަޕްގެ ސެމީފައިނަލަށް ދަތުރުކުރިއިރު އެޓީމްގައި މުޙިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ބުނީ ހަ އަހަރު ކުޅުނު ކްލަބާ ދެކޮޅަށް ނިކުންނަ މެޗަކީ ހުރިހާ ގޮތަކުންވެސް ޚާއްޞަ މެޗެއްކަމަށެވެ. 

" މެޗު ވަރަށް ޚާއްޞަ. އެކުގަ ކުޅުނު ކުޅުންތެރިންނާ ދެކޮޅަށް އަދި ހަ އަހަރު ކުޅުނު ކްލަބާ ދެކޮޅަށް ނިކުންނަނީ. އެކަމަކު މިރޭ މުޙިންމީ މިލަންދޫއަށް ނަތީޖާ ހޯދައިދިނުން" ނާސިރު ބުންޏެވެ.

ނިއުއާ ދެކޮޅަށް ނިކުންނައިރު ނާސިރުގެ ވިސްނުން ހުރީ ޑިފެންސިވް ކުޅުމެއް ކުޅެ ކައުންޓަރ އެޓޭކްގައި ނިއުއަށް ޕްރެޝަރ ކުރުމެވެ. އެހެން ނޫންނަމަ ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަދެދާނެކަމަށް އޭނާ ބުންޏެވެ.

ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރޫޒަން ބުނީ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެ އަވަހަށް ސްކޯ ކުރުން މުޙިއްމުކަމަށެވެ. އަވަހަށް ލަނޑު ނުޖެހިއްޖެ ނަމަ މިލަންދޫން ޓީސީއަށް ދިންފަދަ ލަނޑެއް ދީފާނެކަން ކޯޗު ފާހަގަކުރިއެވެ.