ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ހުޅުމާލޭގައި ކުރާ އިންވެސްޓްމަންޓް ތަކުގެ އަގު 2.3 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާކަމަށް ހައުސިންގް ޑިވަލޮޕްމަންޓްގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވެއްޖެ.
ރޭ ޕީޕީއެމް އިން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ސައިމަން ވަނީ މިސަރުކާރުން ވެރިކަމާ ޙަވާލު ވުމަށްފަހު ހުޅުމާލެ ތަރައްޤީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. ސައިމަން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ހުޅުމާލޭގެ ތަރައްޤީއަށް މާބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށެވެ. ކުރީގެ ސަރުކާރުން ހުޅުމާލެ ތަރައްގީ ކުރުމުގެ ފޭސް އެކެއްގެ ދަށުން ސަތޭކަ އަށްޑިހަ އަށް ހެކްޓަރުގެ ބިން ހިއްކުމަށް މާގިނަ ދުވަސް ހޭދަވިކަން ފާހަގަ ކުރައްވާ ސައިމަން ވިދާޅުވީ މި ސަރުކާރުން ހުޅުމާލެ ތަރައްގީ ކުރުމުގެ ފޭސް ދޭއްގެ ދަށުން އަށް ހަފްތާ ތެރޭ ދުއިސައްތަ ސާޅީސް ފަސް ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް އެކެއްގެ ގަވަރމަންޓް ސަޕޯޓް ހައުސިންގް ޕްރޮގްރާމްގެ ދަށުން ދެހާހެއްހައި ހައުސިންގް ޔުނިޓުގައި މީހުން ދިރިއުޅެމުން އަންނައިރު ފޭސް ދޭއްގެ މަގުތަކުގެ މަސައްކަތާއެކު ހަތްހާސް ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއައް ގެންދަވާ ކަމަށް ސައިމަން ވިދާޅުވިއެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދާ އިންވެސްޓްމަންޓްތަކަށް އިޝާރާތް ކުރައްވާ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރއިން އެއްވެގެން ހުޅުމާލޭގެ ތަރައްގީއަށް ކުރާ މަސައްކަތުގެ އަގު 2.3 ބިލިއަން ޔޫއެސް ޑޮލަރަށް އަރާކަމަށެވެ. އޭގެ ތެރެއިން ފަންސާސް އިންސައްތަ މަސައްކަތަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ކަމަށް ސައިމަން ވިދާޅުވިއެވެ.
ސައިމަން ވަނީ މާލެ ސަރަހައްދުގައި ކުރިއަށްދާ މަޝްރޫއު ތަކުގެ މައްޗައް އަލި އަޅުވާލާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ބްރިޖާއި އެއާޕޯޓު ތަރައްގީގެ މަޝްރޫއު ނިމުމުން ހުޅުމާލެއަށް އަންނާނެ ކުރިއެރުން އޭނާ ފާހަގަ ކުރެއްވިއެވެ.