ރައްކާ ރޯޑް ޝޯވއަކީ މޯލްޑިވްސް ޕޮލިސް ސަރވިސުުން އިންތިޒާމްކޮށްގެން އެލައިޑް އިންޝުއަރެންސް ކުންފުނީގެ އެހީތެރިކަމާއެކު 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ކުރިޔަށްގެންދާ ރައްކާ ރޯޑް ޝޯވގެ މިއަހަރުގެ ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
މި ރޯޑްޝޯގައި މަގުމަތީގެ ރައްކާތެރިކަމަށް އާންމުންނާ ސްކޫލްކުދިންގެ އިތުރުން ބެލެނިވެރިން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޓެންތައް އަސްލަކަށް ބަލައިގެން ކަން ހިނގާފައިވާގޮތްތައް ދައްކާލުމުގެ ގޮތުން ކުޅުދުއްފުށި މަގުތަކުގައި ސިނާރިއޯ ތަކެއްވެސް ވަނީ ދައްކާލާފައެވެ. އަދި މި ސިނާރިއޯތައް ދައްކާލުމުގެ އިތުރުން މިފަދަ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިކަމާއި އެފަދަ ކަމެއްގެ ސަބަބުން ޢާއިލާތަކުން ކުރާ ހިތާމަ ރައްޔިތުންނަށް ބުނެދީ ހޭލުންތެރިކުރުވައި އެމަންޒަރުތައް ކައިރިންބަލާލުމުގެ ފުރުޞަތު ދީފައިވެއެވެ.
img:http://s1.psmnews.mv/images/660x400/15039049759848.jpg|ރައްކާ ރޯޑް ޝޯވގެ ތެރެއިން / ފޮޓޯ: ޕޮލިސް މީޑިއާ
ރައްކާ ރޯޑްޝޯވްގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބުނީ ކުޑަކުދިންގެ ހަވީރަށެވެ. މި ހަވީރުގައި އެލައިޑް އިންޝުއަރެންސާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މުހިންމު މައުލޫމާތު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ދީފައިވެއެވެ. އަދި މަގުމައްޗަކީ ރައްކާތެރި ތަނަކަށް ހެދުމުގައި އެންމެންގެ ދައުރުވެސް ވާކަން ހަނދާންކޮށްދީ ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މަގުމަތީގެ އަދަބުތަކާއި މަގުހުރަސްކުރުމުގައި އަމަލު ކުރަންޖެހޭ ގޮތާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަމާލުކަމަށް މުހިންމު މެސެޖްތަކެއް މިހަވީރުގައި ދީފައިވެއެވެ.
މަގުތަކުގެ ސަލާމަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ތަފާތު ގިނަ ހަރަކާތްތަކެއް ރައްކާ ރޯޑް ޝޯވގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވެއެވެ. ރައްކާ ރޯޑްޝޯޗ ނިއްމާލާފައިވަނީ އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޑިނަރ ނައިޓަކާއެކުއެވެ. ކުޅުދުއްފުށީގެ އިތުރުން އައްޑޫއާއި ލ.އަތޮޅުގައިވެސް ވަނީ ރައްކާ ރޯޑްޝޯވ މީގެ ކުރިން ކުރިޔަށްގެންގޮސްފައެވެ.