ކުޅިވަރު

މިލަންދޫން އެޓޭކް ވަރުގަދަ ޓީސީ ހުއްޓުވައިފި


ށ.މިލަންދޫއިން ޓީސީ ސްޕޯޓްސް ކުލަބު އަތުން ޕޮއިންޓެއް ހޯދައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ށ.މިލަންދޫއާއި ޓީސީ ވާދަކުރި މެޗް އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. 

މެޗުގެ ފުރަތަމަ ހާފްގައި މާ ގިނަ ފުރުސަތުތަކެއް ޓީސީއަކަށް ނުލިބުނެވެ. ސްޓެވާޓް އަދި އިބްރާހިމް މަހުދީ ފޮނުވާލި ހަމަލާ ފިޔަވައި ޓީސީއަށް ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާ ނުލެވުނުއިރު، މިލަންދޫންވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައެވެ. މިގޮތުން އާދަމް އިމްރާން ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑީގައި ޖެހުނުއިރު، އިޝާން އިބްރާހިމް ނަގައިދިން ހުރަސް އަރިމަތީ ދަނޑިކައިރިން ބޭރަށްދިޔައީ ފައްރާހު ގައިގައި ޖެހިފައެވެ. 

ދެވަނަ ހާފްގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފެއްދީ ޓީސީންނެވެ. ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ކީޕަރު އިމްރާންގެ ހުށިހާރުކަމާއި، މިލަންދޫގެ ޑިފެންސްލައިނުގެ މޮޅު ކުޅުމާއިއެކު މިލަންދޫންވަނީ ޓީސީ ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. ދެވަނަ ހާފްގައިވެސް ކައުންޓާރ އެޓޭކްގައި މަދު ފުރުސަތުތަކެއް މިލަންދޫއަށްވެސް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު މިލަންދޫގެ ކޯޗް މުޙައްމަދު ނާސިރު ބުނީ މި ޕޮއިންޓަކީ ލީގުގައި ކުރިއަށްހުރި މެޗުތަކާއި ކުރިމަތިލާއިރު ލިބުނު ބޮޑު ހިތްވަރެއްކަމަށެވެ. ޓީސީ ކަހަލަ ޓީމެއްކައިރީގައި މިލަންދޫން މޮޅު ކުޅުމެއް ދެއްކިކަމަށާއި، މެޗުން މޮޅުވާންވެސް ގިނަ ފުރުސަތު ހޯދިކަމަށެވެ. ޕްރެޝަރުގައި ކުޅެން ޖެހުނަސް މިހާރު މިލަންދޫ ޓީމްގެ ކުޅުންތެރިން ތިބީ އެކަމަށް ތައްޔާރުވެފައިކަމަށާއި، އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށްވެސް ކޯޗް ނާސިރު ސިފަކުރިއެވެ.

"ޓީސީ ކަހަލަ ޓީމެއް އަތުން ޕޮއިންޓެއް ލިބުން މިއީ ބޮޑު ހިތްވަރެއް. މިހާރު ޕްރެޝަރުގައި ކުޅެން ޓީމް ހޭނިއްޖެ. ކުރިއަށް ހުރި މެޗުތަކުގައި މިއަށްވުރެ ރަނގަޅުވާނެ" ނާސިރު ބުންޏެވެ.

މެޗަށްފަހު ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ މެޗަށް ނިކުތްއިރުވެސް މި މެޗު އުނދަގޫވާނެކަމަށް ޔަގީންކުރިކަމަށާއި، މެޗުގައި ގޯލް ޖަހަން ފުރުސަތުވެސް ލިބުނުކަމަށެވެ. މިގޮތަށް ޑިފެންސްކުރާ ޓީމަކާއި ދެކޮޅަށް ކުޅޭއިރު ލިބޭނީ މަދު ފުރުސަތުތަކެއްކަމަށާއި، އެންމެ އެކަށީގެންވާ ކުޅުމެއް ޓީސީއަށް ނުދެއްކުނުކަމަށްވެސް ނިޒާމް ފާހަގަކުރިއެވެ. 

"މިކަހަލަ ޑިފެންސިވް ޓީމަކާއިއެކު ކުޅޭއިރު އުނދަގޫވާނެ ލަނޑުޖަހަން، ފުރުސަތު ލިބުނު އެކަމަކު ބޭނުން ނުކުރެވުނީ" ނިޒާމް ބުންޏެވެ.