ކެޕްޓަން އަސަދުﷲ އަބްދުﷲއާއި ނުލާ ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއްކަމަށާއި، ތިނަދޫއާއި ދެކޮޅަށް ނިކުންނަ މެޗަކީ ލީގުގައި ކުޅެން ޖެހޭނެ އެންމެ އުނދަގޫ އެއް މެޗަށްވާނެކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޯސްކީ ބުނެފިއެވެ.
ލީގުގައި އެންމެ ފަހުން ށ.މިލަންދޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކެޕްޓަން އަސަދުﷲ އަބްދުﷲއަށް ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުންނަން ވަނީ ޖެހިފައެވެ.
މާޒިޔާގެ ކޯޗް ބުނީ ފޯވާޑް އަސަދުﷲއާއި ނުލާ މިހާތަނަށް ސީޒަންގައި ކުޅުނު ކޮންމެ މެޗެއްގައިވެސް ލަނޑު ޖެހުމަށް އުނދަގޫތަކެއް ދިމާވިކަމަށާއި، މިލަންދޫ މެޗުގައިވެސް އެކަން ފާހަގަވިކަމަށެވެ.
އެ މެޗުގެ ފަހު ހާފުގައި ޖެހި ލަނޑަކީ އަސަދުﷲއާއި ނުލައި އެޓީމް ޖެހި ފުރަތަމަ ލަނޑުގެ ގޮތުގައި ފާހަގަކުރަމުން ސެކުލޯސްކީ ބުނީ މި މެޗަކީ ކުޅުންތެރިންނަށް އޮތް ބޮޑު ޗެލެންޖެއްކަމަށެވެ. ހުރިހާވެސް ވިސްނުމެއް ހުރީ ތިން ޕޮއިންޓްގެ ލީޑް ދަމަހައްޓަންކަމަށާއި، ޓީމްގެ ކޮންމެ ކުޅުންތެރިއަކުވެސް އޭނާގެ ޕްލޭނާއި އެއްގޮތަށް ކުޅޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.
"އަސައްކޮއަކީ އަހަރުމެން އެންމެ މުހިންމު ކުޅުންތެރިޔާ، އޭނާ ދަނޑުމަތީގައި ހުރީމަވެސް ކުޅުންތެރިންނަށް ހިތްވަރު ލިބޭ، އުނދަގޫވާނެ. އެކަމަކުވެސް ހުރިހާ ކުޅުންތެރިންނަށްވެސް އިތުބާރު އެބައޮތް" ސެކުލޯސްކީ ބުންޏެވެ.
މާޒިޔާއާއި ދެކޮޅަށް ނިކުންނަ މެޗަށް އިޝާރާތްކޮށް ތިނަދޫގެ ކޯޗް ހުއާން މާޓިނޭޒް ބުނީ ގްރީން ސްޓްރީޓްސްއާއި ޓީސީ އަތުން ބަލިވިކަމުގައިވިޔަސް އެ މެޗުތަކުގައި ޓީމުން ދެއްކި ކުޅުން ވަރަށް ރަނގަޅުކަމަށާއި، މޮޅުވާންވެސް ފުރުސަތު ލިބުނުކަމަށެވެ.
އޭނާ ބުނީ ވަރުގަދަ ޓީމްތަކާއި ދެކޮޅަށް ނިކުންނައިރު ލިބޭ ފުރުސަތުތައް ނިންމާލުން މުހިންމުކަމަށާއި، ލަނޑުތަކެއް ޖަހައިގެން ކުޅުންތެރިންގެ ކޮންފިޑެންސް ހޯދަން ޖެހިފައިވާކަމަށެވެ. ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ދެ ޓީމަށްވެސް އޮތީ ހަމަހަމަ ފުރުސަތެއްކަމަށާއި، މާޒިޔާއަކަށް އެހެންޓީމަކަސް ތިނަދޫއަށް ބަލިނުކުރެވޭ ވަރުގެ ޓީމެއް ލީގުގައި ނެތްކަމަށެވެ.
"ތިނަދޫއަކީ އެހާ ފަސޭހައިން އުއްމީދު ކަނޑާލާނެ ޓީމެއް ނޫން. ދެ ޓީމަށްވެސް އޮތީ ހަމަހަމަ ފުރުސަތެއް. ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން މީގަ އެންމެ މުހިންމީ" ކޯޗް މާޓިނޭޒް ބުންޏެވެ.