ޚަބަރު

ނަވާރަ މިސްކިތެއްގެ މަސައްކަތް ނިންމައި، ހުޅުވަން ތައްޔާރުވެއްޖެ


ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހަދަން ފަށާފައިވާ މިސްކިތްތަކުގެ ތެރެއިން ނަވާރަ މިސްކިތެއްގެ މަސައްކަތް ނިންމައި، ހުޅުވަން ތައްޔާރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބިނާކުރަމުން އަންނަ މިސްކިތްތަކަކީ ސަރުކާރާއި ރާއްޖޭގެ އަމިއްލަ ފަރާތްތަކުގެ އެހީގެ އިތުރުން ސަޢޫދީ ސަރުކާރުގެ ދީލަތި އެހީއާއެކު ބިނާކުރާ މިސްކިތްތަކެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޢިމާރާތްކުރަން ފެށި މިސްކިތްތަކުގެ ތެރެއިން ނަވާރަ މިސްކިތެއްގެ މަސައްކަތް މުލިން ނިމި ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14905230330447.jpg|މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒިޔާދު - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

ބައެއް މިސްކިތްތަކުގައި މިހާރުވެސް ކުދިކުދި ބައެއް ކަންކަން ފުރިހަމަކުރަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ ރަސްމީގޮތުން މިސްކިތްތައް ހުޅުވަން ކަނޑައަޅާފައިވާ ތާރީޚްގެ ކުރިން އެހުރިހާ މަރާމާތެއްވެސް އެއްކޮށް ނިމޭނެ ކަމަށެވެ. އަދި މިހާރު ނިމިފައިވާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތަކުގައި ނަމާދުކުރުމަށް ވަގުތީ ހުއްދައެއް ދީފައިވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު މަސަކަތް ފަށައިގެން މިއަހަރުގެ މިހާތަނަށް ނިމުނު ނަވާރަ މިސްކިތުގެ ތެރެއިން ހަތަރު މިސްކިތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތްތަކެކެވެ. މީގެތެރެއިން ހަތް މިސްކިތެއް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ ދީލަތި އެހީގެ ދަށުން ހަދާ ނިންމާފައިވާއިރު، އަލިފުޅު ތުއްތު ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރާ މިސްކިތްތަކުގެ ތެރެއިން ފަސް މިސްކިތެއްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އަނެއް ތިން މިސްކިތަކީ ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކޮށްފައިވާ މިސްކިތްތަކެކެވެ.

މި މިސްކިތްތަކުގެ އިތުރުންވެސް އެކާވިސް މިސްކިތެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރަމުން އެބަގެންދެއެވެ. އޭގ ތެރެއިން ފަސް މިސްކިތެއްގެ މަސައްކަތް ކުރިއަށް އޮތް ހަތަރުފަސް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.