ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަސްރޫޢުގެ ދަށުން އަލަށް ހިއްކި ބިންތައް ޝީޓު ޕައިލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، އާ ރަންވޭ އެޅުމަށް ހުޅުލޭގެ އިރު އުތުރު ފަޅުން ހިއްކާފައިވާ 65 ހެކްޓަރުގެ ބިން ހިމާޔަތްކުރުމަށް ގާތްގަނޑަކަށް ތިންހާސް ތިންސަތޭކަ މީޓަރުގެ ޝީޓު ޕައިލް ޖަހާނެއެވެ. އަދި އާ ސީޕްލޭން ޓާރމިނަލް އެޅުމަށް ހިއްކި 18 ހެކްޓަރަށްވުރެ ބޮޑު ބިމުގައި 350 މީޓަރުގެ ޕައިލްކުރާނެއެވެ. އަދި ސީޕްލޭން މެއިންޓެނަންސް ފެސިލިޓީސްއަށް ހިއްކި ތޭރަ ހެކްޓަރަށްވުރެ ބޮޑު ބިމުގައި 140 މީޓަރުގެ ޝީޓް ޕައިލް ޖަހާނެއެވެ.
މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުން ހިއްކި ބިމުގައި 580 މީޓަރުގެ ޝީޓް ޕައިލް ޖަހާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ އާ ރަންވޭ އެޅުމަށް ބިން ހިއްކަން ޖެހުނު އިރު، ރަންވޭ އެޅުމުގެ މަސައްކަތް ކުރުމަށް ސީޕްލޭން އޮޕަރޭޝަންސް ހިނގާ ސަރަހައްދު އެހެން ދިމާލަކަށް ބަދަލުކުރަން ޖެހޭތީ، ސީޕްލޭން ޓާމިނަލް އެޅުމަށް ވެސް ވަނީ ބިން ހިއްކާފައެވެ. މީގެ އިތުރުން އާ ޓާމިނަލް އެޅުމަށާއި ޖެޓީތައް ތަރައްޤީ ކުރުމަށްވެސް ވަނީ ބިން ހިއްކާފައެވެ.
ވެލާނާ އެއާޕޯޓުގައި އާ ރަންވޭއެއް އެޅުމަށްޓަކައި ސަރުކާރުން ހަވާލުކުރީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީ.ޔޫ.ސީ.ޖީ) އާއެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބީޔޫސީޖީން ސަބްކޮންޓްރެކްޓް ކޮށްފައިވަނި ދުބާއީގެ ގަލްފް ކޮބްލާއާއެވެ.