މާޅޮސްމަޑުލު އުތުރުބުރި އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ފޮނުވި ޖަނަރޭޓަރު އިންސްޓޯލްކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އަލިފުށީ ކައުންސިލުން ބުނެފިއެވެ.
އަލިފުއްޓަށް ދިމާވި ކަރަންޓުގެ މައްސަލައާއި ގުޅިގެން ވަގުތީ ގޮތުން އަލިފުއްޓަށް ގެންގޮސްފައިވަނީ 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ. ރޭ ދަންވަރު އަލިފުއްޓަށް ކަރަންޓު ލިބުނު ނަމަވެސް އަނެއްކާވެސް ހެނދުނުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް އަލިފުށި ކައުންސިލްގެ ރައީސް ޢަބްދުﷲ ރާޒީ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީޕް ވިދާޅުވީ އަލިފުށިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ، އެރަށުގައި ބޭނުންކުރާ ޖަނަރޭޓަރެއްގެ ރޭޑިއޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށެވެ. އަދި ކަރަންޓު ކެނޑެން މެދުވެރިވަނީ ރޭޑިއޭޓަރަށް ދިމާވި މައްސަލައާއި ގުޅިގެން، ކަރަންޓު ދޫކުރާ ލޯޑު ކުޑަވުމުގެ ސަބަބުން ކަމަށެވެ.
އަލިފުށި ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ މުދަލައް އެކިވަރުގެ ގެއްލުން ލިބެމުންދާކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރިކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އަލިފުށީގައި ބޭނުންކުރާ ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލަ ހައްލުން ކުރަން މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން ރޭޑިއޭޓަރެއް ގެނައުމަށް އޯޑަރު ކޮށްފައިވާކަމަށާއި، އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރޭޑިއޭޓަރު ލިބި ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކުރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.
އާބާދީގައި އެއްހާސް އައްސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅޭ އަލިފުށީގައި މިހާރު ބޭނުންކުރަމުންދަނީ ހަތަރު ސަތޭކައާއި، ހަސަތޭކަ ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރެވެ.