ކޮޕަ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ތަށްޓާއިއެކު ބާސެލޯނާ ދޫކޮށްލަނީ ހިތްހަމަޖެހިލައިން ހުރެކަމަށް ބާސެލޯނާގެ ކޯޗް ލުއި އެންރީކޭ ބުނެފިއެވެ.
ކޮޕަ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ ޑިޕޯޓިވޯ އަލަވޭސް ބަލިކޮށް، ތަށި އުފުލާލުމަށްފަހު ލުއި އެންރީކޭ ބުނީ އެންމެ ތަށްޓަކާއިއެކު ސީޒަން ނިންމާލަން ޖެހުނަސް އޭނާ ހުރީ އުފަލުންކަމަށެވެ.
އަބަދަކު ހުރިހާ މޮޅެއް ނުލިބޭނެކަމަށާއި، ކޮޕަ ޑެލްރޭގެ ރަން މެޑައްޔާއިއެކު ސަޕޯޓަރުންނަށް އަލްވަދާއު މިކިޔަނީ ހިތްހަމަ ޖެހުމާއިއެކުކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެން މި ވަކިވަނީ އުފަލުން، ސަޕޯޓަރުން މި ތިން އަހަރު އުފާކޮށްދެވުނު ކަމަށް އުއްމީދުކުރަން"
އެންރީކޭއަކީ ބާސެލޯނާއަށް ތިންވަނައަށް އެންމެ ގިނަ ތަށި ހޯދައިދިން ކޯޗެވެ. އޭނާގެ އިރުޝާދުގެ ދަށުން އެޓީމް 9 ތަށި އުފުލާލިއެވެ. އޭނާއަށްވުރެ ގިނައިން ބާސާއަށް ތަށި ހޯދައިދިން ކޯޗުންނަކީ ޖޯހަން ކްރައިފް އަދި ޕެޕް ގާޑިއޯލާއެވެ. ކްރައިފް 11 ތަށި އެޓީމަށް ހޯދައިދިންއިރު، ގާޑިއޯލާ 16 ތަށި ބާސާއަށް ހޯދައިދިނެވެ.
ރޭގެ ފައިނަލްގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ލަޔަނަލް މެސީއެވެ. މި ލަނޑާއިއެކު އޭނާ ވެގެންގޮސްފައިވަނީ 1950 ވަނަ އަހަރުގެ ފަހުން ކޮޕަ ޑެލްރޭގެ ހަތަރު ފައިނަލްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މި ލަނޑަކީ މި ސީޒަންގައި މެސީ ޖެހި 54 ވަނަ ލަނޑެވެ.
ތިއޯ ހެނާންޑޭޒްގެ ގޯލާއިއެކު އަލަވޭސްއިން ނަތީޖާ ހަމަހަމަކުރި ނަމަވެސް ނޭމާ ވަނީ ބާސެލޯނާއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދީފައެވެ. ނޭމާ ވަނީ 2015 ވަނަ އަހަރުގެ ފައިނަލްގައި އެތްލެޓިކް ބިލްބާއޯ އަދި 2016 ގެ ފައިނަލްގައި ސެވިއްޔާ ކޮޅަށްވެސް ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާގެ ލީޑް ފުޅާކޮށްދިނީ ޕަކޯ އަލްކަސަރއެވެ.