ތިމާވެށި

ހދ.ގެ 13 ރަށެއްގެ ކަރަންޓުގެ ވިއުގަ ހަރުދަނާކުރަން ޙަވާލުކޮށްފި


ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ ކަރަންޓުގެ ނިޒާމު ރަނގަޅުކުރެއްވުމަށް އިރުގެ ހަކަތަ ބޭނުންކޮށްގެން ޕަވަރ ޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏަކާއެކު އެންވަރރަމެންޓް މިނިސްޓްރީން ސޮއިކުރައްވައިފިއެވެ.

2.27 މެގަވޯޓުގެ ސޯލަރޕަވަރ މި ޕްރޮޖެކްޓަކީ 9.9 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ޚަރަދު ކުޑަކޮށް ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހިންގާ މި ޕްރޮޖެކްޓްގައި 14 ޖެނެރޭޓަރު އިންސްޓޯލްކޮށް، 1.49 މެގަވޯޓުގެ ބެޓެރި ސްޓޯރޭޖް ސިސްޓަމެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހ.ދ އަތޮޅުގެ ރަށްތަކުގައި 425 ޑިސްޓްރިބިއުޝަން ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަރަމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް ވިދާޅުވީ މި ޕްރޮޖެކްޓަކީ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ޙައްލުކޮށްދީ އަދި ކަރަންޓައް ކުރާ ޚަރަދު ކުޑަކުރުމަށް ހިންގޭ ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓުގައި ސަރުކާރާއިއެކު ބައިވެރިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗެންގޒޯ ޓްރިނާ ސޮލަރ އެނާޖީ ކޯޕަރޭޝަނުންނެވެ.

މި ޕްރޮޖެކްޓަށް އަހުލުވެރިކުރުވުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީޕް ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ކަރަންޓް ފޯރުކޮށްދިނުމަށް އައު ވަޞީލަތްތައް ބޭނުންކުރެވި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ޚަރުދަނާވެގެންދާނެ ކަމަށެވެ.

ހއ. އަތޮޅުގައި މި ޕްރޮޖެކްޓް ހިންގުމަށް ކުންފުންޏަކާ އެކުގައި ސޮއިކޮށްފައިވާއިރު، މިއަހަރުގެ ތެރޭގައި އިތުރު އަތޮޅުތަކެއްގައި ސޯލަރޕަވަރ ޕްރޮޖެކްޓް ހިންގުމަށް ކުންފުނިތަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.