ޗައިނީސް ތައިޕޭ އަތުން ބަލިވެ، އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރޭންކިންގ މަތިކުރުމަށް ލިބުނު ފުރުސަތު ރާއްޖެއިން ނަގާލައިފިއެވެ.
މުބާރާތުގެ ރޭންކިންގ ފަހު މެޗުގައި މިއަދު ޗައިނީސް ތައިޕޭ އަތުން ދިވެހި ޓީމް ބަލިވީ 30 ޕޮއިންޓް 51 ޕޮއިންޓުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ކުއާޓާރ އިން ފެށިގެން ޗައިނީސް ތައިޕޭ ކުޅުނީ ލީޑްގައި އޮވެ. މި މެޗަކީ މުބާރާތުގައި މިހާތަނަށް ދިވެހި ޓީމްގެ ފަރާތުން އެންމެ ދަށް ކުޅުން ފެނުނު މެޗެވެ.
މެޗަށްފަހު 21 އަހަރުން ދަށުގެ ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗް އައިޝަތު ލޫނާ މޫސާ ބުނީ މުބާރާތުގެ ފުރަތަމަ ތިން މެޗުގައި ރާއްޖޭގެ ޓީމުން ދެއްކި މޮޅު ކުޅުން ފަހު ތިން މެޗުގައި ތަކުރާރު ނުކުރެވުނުކަމަށެވެ. ކުޅުންތެރިންގެ ތަޖުރިބާ ނެތުމުން ޕްރެޝަރ ގަޑީގައި މޮޅުވާން ލިބޭ ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފޭކަމަށާއި، މިއީ ހުރިހާ ކުޅުންތެރިންނަށް ލިބުނު ބޮޑު ފިލާވަޅެއްކަމަށް އޭނާ ބުންޏެވެ.
ލޫނާ ބުނީ މުބާރާތުގެ އަށް ވަނައާއިއެކު ނިންމާލެވުމުން އެހާ ހިތްހަމަ ނުޖެހޭކަމަށާއި، ސަބަބަކީ މި އަހަރަކީ މުބާރާތުގެ ހަ ވަނަ ހޯދާ ބޮޑު ކުރިއެރުމެއް ހޯދޭނެ ފަހަރެއްކަމަށެވެ. ފުރަތަމަ ތިން މެޗުގައި ވަރުގަދަ ޓީމްތަކާ ދެކޮޅަށް ޓީމުން ދެއްކި ކުޅުން ރޭންކިންގ މެޗުތަކުގައި ނުދެއްކި ރޭންކިންގ ކުރިއަށް ނުޖެހުމުން ހުރިހާ އެންމެންވެސް މާޔޫސްވެއްޖެކަމަށްވެސް ލޫނާ ފާހަގަކުރިއެވެ.
"ކުޅުންތެރިންވެސް ކޯޗުންވެސް ދެރަވެފައި މިތިބީ، މޮޅުވެވޭނެ ދެ މެޗު ރޭންކިންގ ގައި ކުޅެން ޖެހުނީ. މިއީ ކުރިއަަށް ޖެހިލަން ފުރުސަތު ލިބި އޭގެ ބޭނުން ނުކުރެވުނު މުބާރާތެއް. އެކަމަކު މިއީ ހަމަ އެކްސްޕީރިއެންސް އާ ކުޅުންތެރިންނަށް"
އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކުރީ ޕާކިސްތާއި ވާދަކޮށެވެ. އޭގެ ފަހުން ގްރޫޕްގައި ކުޅުނު ތިން މެޗުންވެސް ބަލިވެ، ރޭންކިންގައި ކުޅުނު ދެ މެޗުންވެސް ދިވެހި ޓީމް ވަނީ ބަލިވެފައެވެ.