އިންޑިޔާ އަތުން ބަލިވެ މުބާރާތުގެ ހަވަނަ ހޯދަން ލިބުނު ފުރުސަތު ރާއްްޖެއަށް ގެއްލިއްޖެއެވެ.
އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު އިންޑިޔާ އަތުން ދިވެހިރާއްޖެ ބަލިވީ 43 ޕޮއިންޓް 27 ޕޮއިންޓުންނެވެ. މި މެޗުން ބަލިވެ ރާއްޖެ މާދަމާ ވާދަކުރަން ޖެހޭނީ މުބާރާތުގެ ހަތްވަނަ ހޮވާ މެޗުގައި ޗައިނީސް ޓައިޕޭއާއެވެ.
މެޗުގެ ފުރަތަމަ ކުއާޓާރ ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. ލީޑް ނަގަން ގިނަ ފުރުސަތުތަކެއް ދިވެހި ޓީމަށް ލިބުނު މި ކުއާޓަރ ނިމުނީ 8-7ން އިންޑީޔާ ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާރގައިވެސް ދިވެހިރާއްޖެއަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އައިމިނަތު ނައުފާގެ މޮޅު ކުޅުމާއިއެކު ރާއްޖެއިން ޕޮއިންޓްތަކެއް ސްކޯރކުރިނަމަވެސް ޓީމްގައި ބާކީ ތިބި ކުޅުންތެރިންނަށް ކުރިން މެޗުތަކުގައި ދެއްކި މޮޅު ކުޅުން ތަކުރާރެއް ނުކުރެވުނެވެ. ދެވަނަ ކުއާޓަރ ނިންމާލިއިރު އިންޑީޔާއިން 21-13ން އަށް ޕޮއިންޓްގެ ލީޑެއް ނެގިއެވެ. ލީޑްގައި ކުޅެމުންގޮސް މެޗް އިންޑިޔާއިން މެޗް ނިންމާލީ 16 ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ.
މެޗަށްފަހު 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް)ބުނީ މެޗަށް ދިވެހި ޓީމުން ނިކުތީ ފާސްޓް ގޭމެއް ކުޅެންކަމަށާއި، އިންޑިޔާގެ ކުޅުން ލަސްކުރުމުގެ ސަބަބުން ކުޅުންތެރިންނަށް މެޗް ޑޮމިނޭޓްކުރަން އުނދަގޫވީ ކަމަށެވެ.
މުބާރާތުގައި ކުރިން ކުޅުނު ހުރިހާ މެޗެއްގައި އަވަސް ކުޅުމެއް ކުޅެފައި ކުއްލިއަކަށް ލަސްކޮށް ކުޅޭ ޓީމަކާއި ކުޅެން ޖެހި ކުޅުންތެރިންނަށް އެޖަސްޓްވާން ނޭނގުނީކަމަށް ކޯޗް ބުންޏެވެ. ދިލް ކޯޗް ބުނީ މިހާރު ވިސްނުންހުރީ މާދަމާ ޗައިނީސް ޓައިޕޭއާއި ދެކޮޅަށް ކުޅޭ 7 ވަނަ ހޮވާ މެޗަށް ކަމަށް އޭނާ ބުންޏެވެ.
"އިންޑިޔާ ސްލޯ ގޭމެއް ކުޅުނީމަ ކުޅުންތެރިންނަށް އުނދަގޫވީ އެޖަސްޓްވާން. ރާއްޖެއަކީ އަވަސް ގޭމެއް ކުޅޭ ބައެއް. މިހާރު ވިސްނުން ހުރީ މާދަމާގެ މެޗް ކާމިޔާބުކޮށް ހަތްވަނަ ހޯދަން" ދިލް ބުންޏެވެ.
އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ފައިނަލް މެޗްތަކެއް އޮންނާނީ މާދަމާއެވެ. މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ ބަލިކޮށް ފައިނަލުން ޖާގަ ހޯދި ސިންގަޕޫރާއި ހޮންގކޮންގ ބަލިކޮށް ފައިނަލުން ޖާގަ ހޯދި މެލޭޝިޔާއެވެ.