ފުރަތަމަ ފަހަރަށް ޒުވާން ޤައުމީ ޓީމް ތަމްސީލްކުރީ 2013 ވަނަ އަހަރު ބްރުނާއީގައި އޮތް އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައެވެ. ދެވަނަ ފަހަރު 2015 ވަނަ އަހަރު ހޮންގކޮންގގައި އޮތް މުބާރާތުގައެވެ. ދެ އަހަރުވެސް ބެންޗުގައި އިނދެ މަދު މެޗުތަކަކުން ފުރުސަތު ލިބުނެވެ. އޭރުވެސް އަމާޒަކީ ފުރަތަމަ ހަތަކުން ޖާގަ ހޯދާ ކޯޗުގެ އިތުބާރު ހޯދުމެވެ.
މިއީ 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމްގެ ސެންޓަރ ކޯޓް ޕްލޭޔަރ އައިޝަތު ޒުނާނާ ނިމާލް (ނާނަ)ގެ ނެޓްބޯޅަ ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ސަފްހާތަކެވެ. އޭނާގެ ނެޓްބޯޅަ ހަޔާތުގެ އެންމެ އުފާވެރި ހަނދާންތައް ގުޅިފައިވަނީ މިހާރު ދެކުނު ކޮރެޔާގައި ކުރިއަށްދާ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕާއެވެ.
ރާއްޖޭގެ ޓީމް މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ޒުނާނާ ވަނީ ފުލްކޮށް ކުޅެފައެވެ. ހުރިހާ ވަގުތަކު ކޯޓުމަތީގައި ޤައުމަށް ރީތި ނަމެއް ހޯދައިދޭން މަސައްކަތްކޮށްފައެވެ. ކޯޗުގެ އިތުބާރާއި، ޔަޤީންކަން ހޯދާފައެވެ. އޭނާއަކީ ޓީމްގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ.
ޒުނާނާ ފާހަގަކުރާ ގޮތުގައި މިއީ އޭނާ ވަރަށް އުއްމީދުކޮށްގެން ހުރި ފުރުސަތެކެވެ. ފުލްކޮށް ކުޅެން ލިބުނަސް އަބަދުވެސް ބަލަނީ ކޯޗުގެ ފީޑްބެކް އަޑުއަހައި، ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅުކުރަންކަމަށް އޭނާ ބުންޏެވެ. އަދި މީގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ކުޅުންތެރިން ދައްކާ ތަފާތު ހުނަރުތައް ދަސްކޮށް މެޗުތަކުގައި އެ ހުނަރުތަކުގެ ބޭނުން ހިފަން މަސައްކަތްކުރާކަމަށްވެސް ޒުނާނާ ބުންޏެވެ.
img:http://s1.psmnews.mv/images/660x400/14943556515586.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ އައިޝަތު ޒުނާނާ ނިމާލްް(ވިންގް އެޓޭކް) ޕާކިސްތާނާއި ދެކޮޅަށް ކުޅެނީ / ފޮޓޯ : ޕީއެސްއެމް
"މިއީ ނާނަގެ ތިންވަނަ މުބާރާތް، މިފަހަރު އަލަށް ފުލްކޮށް ކުޅެން ފުރުސަތު މި ލިބުނީ، ނާނަ ބަލަނީ މެޗަކަށްފަހު މެޗެއް ކޯޗުގެ އިރުޝާދާއިއެކު ކުޅުން ރަނގަޅުކުރަން، ވަރަށް މަސައްކަތްކުރަން ކޯޗްގެ އެކްސްޕެކްޓޭޝަންސްއާއި އެއްވަރަށް ކުޅެން" ޒުވާން ޓީމާއިއެކު މިފަހަރުގެ ތަޖުރިބާ ޒުނާނާ ހިއްސާކުރިއެވެ.
ޒުނާނާއަކީ ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ހަލުވި ކުޅުންތެރިޔާއެވެ. އިސްކޮޅުގެ ގޮތުން ޓީމްގައި ތިބި އެންމެ ކުރު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނަސް ކުޅުމަށް ބަލާއިރު، އިސްކޮޅުން ދިގު ކުޅުންތެރިން ކައިރީގައި އޭނާ ދައްކާ ކުޅުން ވަރަށް ބޮޑަށް ފާހަގަވެއެވެ. ފުރަތަމަ މެޗުން ޕާކިސްތާން އަތުން ދިވެހި ޓީމް މޮޅުވިއިރު ޒުނާނާގެ ހުނަރާއި ފަންވަރު ފާހަގަވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޖެހިގެން އަދި މެޗުތަކުގައި އިނދިކޮޅު ޓީމްތަކުން ޒުނާނާ މާކްކޮށްގެން ކުޅުމެވެ. ތައިލެންޑާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ހޮންގކޮންގ މެޗާއި ސްރީލަންކާ މެޗުގައިވެސް އޭނާ ހުއްޓުވަން އިނދިކޮޅު ޓީމުން ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ.
img:http://s4.psmnews.mv/images/660x400/14943556784266.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ އައިޝަތު ޒުނާނާ ނިމާލްް / ފޮޓޯ : ޕީއެސްއެމް
21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ފާހަގަކުރާ ގޮތުގައި ޒުނާނާއަކީ މި މުބާރާތުގައި ޓީމްގެ އެންމެ ކޮންސިސްޓެންޓް ކުޅުންތެރިޔާއެވެ. ކޮންމެ މެޗެއްގައި އެއްވަރެއްގައި ކުޅެމުން އަންނަ ޒުނާނާގެ ނެޓްބޯޅަ ކުރިމަގާއިމެދުވެސް ކޯޗް ދިލް ފޮނި އުއްމީދެއް ކުރެއެވެ.
"ވަރަށް އުއްމީދީ ޕްލޭޔާރއެއް ނާނަ އަކީ. ހުރިހާ މެޗެއްގައިވެސް ވަރަށް ކޮންސިސްޓަންޓް. ނާނަގެ ފިއުޗަރ އެބައޮތް ނެޓްބޯޅައިގަ. ވަރަށް މަސައްކަތްކުރާ ބުނާ ގޮތަށް ކުޅެން މަސައްކަތްކުރާ ޕްލޭޔަރ އެއް ނާނަ އަކީ" ދިލް ކޯޗް ބުންޏެވެ.
ނެޓްބޯޅަ ކުޅެން ބޭނުންވާ އިސްކޮޅުން ކުރު ކުޅުންތެރިންނަށް ޒުނާނާ އަންނަނީ މިސާލު ދައްކަމުންނެވެ. ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ހިފާ، މެޗުތަކުން ލިބޭ މަދު ތަޖުރިބާއާއިއެކު އޭނާވަނީ ފެންވަރު ސާބިތުކޮށްދީފައެވެ. އަޒުމާއިއެކު މަސައްކަތްކޮށްގެން ބޭނުންވާ ޓާގެޓް ހާސިލްކުރެވޭނެކަންވެސް އޭނާ ދައްކައިދީފިއެވެ.