އިސްކޮޅުން ދިގު ސްރީލަންކާ ކުޅުންތެރިންނާއި ދެކޮޅަށް ބޭނުންވި ނަތީޖާ ނުނެރެވުނީ ގާތް ގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ވަރުބަލިވެފައިވާތީކަމަށް 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނެފިއެވެ.
އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ސްރީލަންކާ އަތުން ދިވެހިރާއްޖެ މިއަދު ބަލިވީ 86 ޕޮއިންޓް 14 ޕޮއިންޓުންނެވެ. ސްރީލަންކާއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ޓީމެވެ.
ޒުވާން ޤައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނީ މުޅި މުބާރާތުގައި ވާދަކުރާ އެންމެ އިސްކޮޅުން ދިގު ކުޅުންތެރިން ތިބި ޓީމަކީ ސްރީލަންކާ ކަމަށާއި، އެ ޓީމާއި ދެކޮޅަށް ބޭނުންވި ގޭމެއް ނުކުޅެވުނުކަމަށެވެ. ސްރީލަންކާއިންވެސް ކުޅުނީ ވަރަށް ފާސްޓް ގޭމެއްކަމަށާއި، ކުޅުންތެރިން ވަރުބަލިވެފައި ތިބުމުގެ ސަބަބުން އެންމެ ބޭނުންވި ނަތީޖާ ނުނެރެވުނުކަމަށެވެ.
ގާތް ގާތުގައި ވަރުގަދަ މެޗުތަކެއް ކުޅެން ޖެހުމުން މެޗުގެ މުހިންމު ދަނޑިވަޅުތަކުގައި ކުޅުންތެރިން ފެނުނީ ވަރަށް ވަރުބަލިކޮށްކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
ކޯޗް ބުނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލަންކާ ކޮޅަށް ދިވެހި ޓީމަށް ސްކޯރ ކޮށްލަން ގިނަ ފުރުސަތު ލިބުނުކަމަށާއި، މިއަދު އެޓޭކަރުންގެ ފޯމު ދަށްކަމަށެވެ. މުބާރާތުގައި ދިވެހި ޓީމް ކުޅުނު ހުރިހާ މެޗެއްގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ އައިޝަތު އަނާން އަނިލްއަށްވެސް މެޗުގައި މާ ގިނަ ޕޮއިންޓްތަކެއް ސްކޯރ ކުރެވޭ ގޮތެއް ނުވިއެވެ. އެކަމަކު އޭނާ މެޗުގައި ނެރުނު ހިތްވަރު ކޯޗު ދިލްވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.
"ސްރީލަންކާއިންވެސް ވަރަށް ފާސްޓް ގޭމެއް ކުޅުނީ. އެމީހުންގެ ސްކޯރ ހައި ކުރަންވެގެން. އޯވަރޯލްކޮށް ކުޅުން ރަނގަޅު މިއަދުގެ މެޗުގައި"
މިއަދު ސްރީލަންކާ އަތުން ރާއްޖެ ބަލިވިޔަސް މުބާރާތުގައި ރާއްޖެ އިތުރު ދެ މެޗެއް ކުޅެން ޖެހޭނެއެވެ. އެއީ ރޭންކިންގ ދެ މެޗެވެ. ރޭންކިންގ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ ޗައިނީސް ތައިޕޭގެ މައްޗަށް ކުރި ހޯދި އިންޑިޔާއާއި ދެކޮޅަށެވެ.
އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ސްރީލަންކާގެ އިތުރުން ދެން ރާއްޖެއާއިއެކު ހިމެނެނީ ޕާކިސްތާން، ހޮންކޮންގ އަދި ތައިލެންޑެވެ.