ކުޅިވަރު

ޒޯން 4 ގެ ޗެމްޕިއަންކަން މާޅޮސް ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 4ގެ ޗެމްޕިއަންކަން އއ.މާޅޮސް ހޯދައިފިއެވެ. 

މާޅޮސް ޒޯންް 4 ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އދ.ކުނބުރުދޫ 2-0 ން ބަލިކޮށްގެންނެވެ. ކ.ގުރައިދޫގައި ކުޅުނު ފައިނަލްގައި މާޅޮހުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު އާރިފްގެ އިތުރުން އަލީ ވަސީމެވެ. 

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތ. އަތޮޅާއި، އައްޑޫ ސިޓީގެ އަތޮޅު މުބާރާތް މެޗުތައް އިއްޔެ ވަނީ ފަށާފައެވެ. 

ތ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ވޭމްންޑޫއާއި ވިލުފުއްޓެވެ. މި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. 

އައްޑޫ ސިޓީގެ ފުރަތަމަ މެޗުގައި ވާދަކުރީ މީދޫއާއި ހިތަދޫއެވެ. މި މެޗް 4-2 ން ކާމިޔާބުކުރީ ހިތަދޫއެވެ. މެޗުގައި ހިތަދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އިންޝާލް އަދި މުޙައްމަދު އާލިފް ފަހުމީއެވެ. ދެ ކުޅުންތެރިންވެސް ދެ ލަނޑު ޖެހިއެވެ. ޓީމް މީދޫގެ ދެ ލަނޑު ޖަހައިދިނީ މުޙައްމަދު ޝަމީން އަދި އިބްރާހިމް އަޝްރަފެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ލ.އަތޮޅު މުބާރާތުގައި އިއްޔެ ވާދަކުރީ ކުނަހަންދޫ އާއި މާމެންދޫއެވެ. މި މެޗް 3-2 ން ކާމިޔާބުކުރީ ކުނަހަންދޫއެވެ. މެޗުގައި ކުނަހަންދޫގެ ތިން ލަނޑުވެސް ޖަހައިދިނީ އަހުމަދު ޖިނާނެވެ. މާމެންދޫގެ ދެ ލަނޑު ޖަހައިދިނީ ހުސައިން ސަމާހް އަދި މުޙައްމަދު ނައުފަލްއެވެ.