ކުޅިވަރު

ރޮނާލްޑޯގެ ރެކޯޑާއެކު ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި


ރޮނާލްޑޯގެ ރެކޯޑާއެކު ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ރޭ ބަޔާން މިއުނިކް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ރެއާލްމެޑްރިޑް ކާމިޔާބުކުރީ ދެލަނޑު އެއްލަނޑުންނެވެ. ފުރަތަމަ ހާފްގައި ވިދާލް ކާމިޔާބުކުރި ގޯލުން ބަޔާން ލީޑު ހޯދިއިރު ލީޑު ފުޅާކުރުމަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިދާލްއަށް ލިބުނު ޕެނަލްޓީ ވަނީ ގޯލަކަށް ވައްދާލެވޭގޮތް ނުވެފައެވެ. ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ވިދާލް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. 

ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެޗުގެ ފަހު ތިރީސް މިނެޓް ބަޔާން ކުޅެން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ. ކައިރި ކައިރީގައި ކުރި ދެފައުލާއެކު ބަޔާންގެ ހާވީ މާޓިނޭޒްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއެކު މެޗު ޑޮމިނޭޓްކޮށްގެން ރެއާލްމެޑްރިޑުން ވަނީ ގިނަ ހަމަލާތަކެއް ބަޔާންގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ބަޔާންގެ ކީޕަރު ނޯޔާ ވަނީ މެޗުގައި އާދަޔާ ޚިލާފް މޮޅު ސޭވް ތަކެއް ރޭކޮށްފައެވެ. 

މެޗުން މޮޅުވި ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދިނީ 77 ވަނަ މިނެޓުގައެވެ. މިގޯލާއެކު ރޮނާލްޑޯ ވެގެންދިޔައީ ޔޫރަޕް މުބާރާތް ތަކުގައި 100 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯއާ އެންމެ ކައިރިން ވާދަކުރަމުން އަންނަ މެސީ ޖަހާފައިވާ ގޯލުގެ އަދަދަކީ 97ލަނޑެވެ. 

ދެލަނޑު އެއްލަނޑުން ރެއާލް މޮޅުވިއިރު މިދެޓީމް ރެއާލްމެޑްރިޑް ދަނޑުގައި ވާދަކުރާނީ އަންނަ ހަފްތާގައެވެ.