މިއަހަރުގެ އަދަބީ ޢީދު މުލަކަތޮޅު މުލީގައި ފާހަގަކުރެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއްޖެއެވެ.
ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، މިއަހަރުގެ އަދަބީ ޢީދު ވީހާވެސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މިކަމާބެހޭ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ. މިދުވަސް ފާހަގަކުރެއްވުމަށް ހަމަޖެހިފައިވަނީ މުލަކަތޮޅުގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެންކަމަށްވާތީ ސްކޫލްތަކަށް އެންމެ ފަސޭހަ ދުވަސްވަރެއްގައި މި ހަރަކާތް ބޭއްވެވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށާއި، މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅު މި ދުވަސް ފާހަގަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އަޝްރަފް ވިދާޅުވިއެވެ.
މިފަހަރުގެ ޢަދަބީ އީދުގައި ދިވެހި ރާއްޖޭގެ ސަޤާފަތާއި ތާރީޚާއި ގުޅޭ އެކިއެކި ޙަރަކާތްތައް ބޭއްވެވެވުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އެކިކަހަލަ އަދަބީ މުބާރާތްތަކާއި، އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެކިއެކި ހަރަކާތްތަކާއި، ޅެން ހަދަން ދަސްކޮށްދިނުންފަދަ ކަންތައްތައް ހިމެނެއެވެ. މީގެއިތުރުން އަތޮޅުގެ ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ކޯހެއް ހިންގެވުމަށްވެސް ހަމަޖެހިފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ.
"މިއީދުގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނަނީ ދިވެހި ޤައުމިއްޔަތު ވަރަށް ބޮޑަށް އާލާ ވަމުން އަންނަ މަންޒަރު. އަތޮޅުގެ ހުރިހާ ރަށެއްގެ މަދަރުސާ ކުދިންގެ ތެރެއިން ރަހުމަތްތެރިން ހޯދުމާއި، އެކުވެރިކަމުގެ ގުޅުންތައް އާލާ ވުމާއި، ޤައުމިއްޔަތުގެ ލޯބި ވަރަށް ބޮޑަށް ދިރި އާލާވޭ މިދެންނެވިހެން ދިވެހި ބަހުގެ ހުނަރު ކުރިއެރުމުގެ އިތުރަށް މީގެތެރެއިން މާނަވީ އެތައް ސިފަތަކެއް ކުދިންނަށް ދަސްވޭ." އަޝްރަފް ވިދާޅުވިއެވެ.
އަދަބީ ޢީދަކީ 2014 ވަނަ އަހަރުންފެށިގެން ރާއްޖޭގެ ކޮންމެވެސް އެއް އަތޮޅެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރައްވަމުން ގެންދަވާ އަދަބީ ހަރަކާތެކެވެ. މިއަހަރުގެ އަދަބީ ޢީދު ފާހަގަކުރައްވަނީ ދިވެހިބަހުގެ އެކަޑަމީއާއި ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ.