ދ.އަތޮޅު ކުޑަހުވަދޫގައި ސަރުކާރުން ތަރައްޤީކުރައްވާ ރީޖަނަލް އެއަރޕޯޓަށް މިމަހު ޓެސްޓް ފްލައިޓް ޖައްސަން ފަށާނެކަމަށް އެ މަސައްކަތް ޙަވާލުކުރައްވާފައިވާ ކޮންޓްރެކްޓަރާ ޙަވާލާދެއްވައި ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ދ.އަތޮޅު ކުޑަހުވަދޫ ޑޮމެސްޓިކް އެއަރޕޯޓުގެ 20 މިލިއަން ޑޮލަރުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ސަރުކާރުން މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ ރިއޮއްލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. ކުޑަހުވަދޫ އެއަރޕޯޓްގެ މަސައްކަތް ޙަވާލުކުރައްވާފައިވާ ކޮންޓްރެކްޓަރާ ޙަވާލާދެއްވައި އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އަންނަމަހު ޓެސްޓް ފުލައިޓްތަށް ޖެއްސުމަށް ވަމުންދާ ތައްޔާރީތައް ކަމަށެވެ.
ކުޑަހުވަދޫ ކައުންސިލުން ވިދާޅުވީ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް، ބާރު ސްޕީޓްގައި މަސައްކަތް ކުރަމުންދާއިރު، ދުވާލާއި ރޭގަނޑުގެ ބޮޑުބައެއްގައި މަސައްކަތްކުރަމުންދާކަމަށެވެ. މި އެއަރޕޯޓްގެ ސަބަބުން ދ. އަތޮޅުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވާނެކަމަށް ކައުންސިލުން ދެކެވަޑައިގަންނަވައެވެ. މީގެ އިތުރުން އިޤްތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް އަތޮޅާއި ރަށަށް ލިބޭނެކަމަށްވެސް ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއެވެ.
ކުޑަހުވަދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓް ޖެއްސޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާ އެއަރޕޯޓެކެވެ. މިއެއަރޕޯޓުގެ 1800 މީޓަރުގެ ރަންވޭ މިހާރު ވަނީ ނިމިފައެވެ.
ކުޑަހުވަދޫ އެއަރޕޯޓް ހެދުމަށް ހިއްކާފައިވާ 62 ހެކްޓަރުގެ ބިމުގެ އިތުރުން، އެރަށުގައި އިތުރު 45 ހެކްޓަރުގެ ބިންވެސް ވަނީ ހިއްކާފައެވެ.
3000 މީހުންގެ އާބާދީއެއް ދިރިއުޅޭ ކުޑަހުވަދޫއަކީ ސަރުކާރުން ކުރިއަށް ގެންދަވާ ޢުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ ރަށެކެވެ. އެގޮތުން އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ގިނަ މަގުތަކެއް ވަނީ ތަރައްޤީ ކުރައްވައި ނިންމަވާފައެވެ.