ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެޗްވަން އެންވަން ވެކްސިން ދެއްވުމަށް ކުރިޔަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން މިއަދުވެސް ސަތޭކަ ކުއްޖަކަށް ވެކްސިން ދީފިއެވެ.
އާސަންދައާއި އެންސްޕާ މެދުވެރިކޮށް ކުރިޔަށްގެންދަވާ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދެއްވަމުން ގެންދަވަނީ ތެލެސީމިޔާ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވީ، މި ވެކްސިންގ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރުންކަމަށެވެ. ތެލެސީމިޔާ ކުދިންނާއި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި ކަމަށާއި، ގޭގައި ތިބި ބަލިމީހުންނަށް އެ ގެތަކަށް ގޮސް ވެކްސިން ދިނުމުގެ އިންތިޒާމްވެސް ވަރަށް އަވަހަށް ހަމަޖައްސަވާނެކަމަށް މުޖުތަބާ ވިދާޅުވިއެވެ. އަދި މިވެކްސިން ދެއްވަމުން ގެންދަވަނީ ހިލޭކަމަށްވެސް މުޖްތަބާ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14900219645728.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެޗްވަން އެންވަން ވެކްސިން ދެއްވުމަށް ކުރިޔަށް ގެންދަވާ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
"އިންޖެކްޝަނަކީ އަޅުގަނޑުމެންނަށް އަބަދުވެސް ގެނެވޭ ގޮތަށް އޮންނަ އެއްޗެއްވީމަ އަޅުގަނޑުމެން މިހާރުން މިހާރަށްވެސް ގެންނަމުން މިދަނީ. މިއަދުވެސް އެބައާދޭ. މާދަމާވެސް އަންނާނެ. އެހެންވީމަ ރައްޔިތުންނަށް ބޭނުންވާ ވަރަށް ހުންނާނެ އަޅުގަނޑުމެންގެ އަތުގައި ސްޓޮކް. މި ސްޓޮކް ނެތިގެން ނުޖެހިއެއް ނުދާނެ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ގޭގޭގައި ތަންތަނަށް ނާދެވޭގޮތަށް އެނދުމަތިވެފައި ތިއްބެވި ބޭފުޅުންނަށްވެސް ގޭގެއަށް ގޮސް އިންޖެކްޝަން ޖަހައިދިނުމުގެ އިންތިޒާމް ހަމަޖައްސާނަން" މުޖްތަބާ ވިދާޅުވިއެވެ.
ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބިލަބޮންގ އިންޓަރނޭޝަނަލް ހައި ސްކޫލްގައެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެދުވަހަކު މެންދުރުފަހު ދޭކުން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ވެކްސިން ދިނުން އޮންނާނެކަމަށް އެންސްޕާއިން މައުލޫމާތުދެއްވައެވެ.