ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ކުރިއަށްގެންދަވާ ކެމްޕެއިންގެ ދަށުން އައްޑޫސިޓީގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ނިންމަވައިފިއެވެ. މި ކެމްޕެއިން ކުރިއަށް ދާނީ އާދިތަ ދުވަހުން ފެށިގެން އަންނަ މަހުގެ އެގާރައިގެ ނިޔަލަށެވެ.
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާރވިސް ޢަބްދުﷲ ޖަމީލް ވިދާޅުވީ، މި ކެމްޕެއިންގެ ދަށުން އައްޑޫސިޓީގައި ފުރަތަމަ ހަފްތާގައި ވެކްސިންގ ދިނުމަށް ނިންމާފައިވަނީ އައްޑޫ ސްކޫލްތަކުގެ ދަރިވަރުންނަށްކަމަށެވެ. އަދި ދެވަނަ ހަފްތާގެ ތެރޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މުއައްސަސަތަކާ، ކުންފުނިތަކާ، ރިސޯޓްތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންނަށްކަމަށެވެ. ހޮސްޕިޓަލްގެ އަމާޒަކީ އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އުމުރުން 8 އަހަރާއި 25 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން %95 ކުދިންނަށް ވެކްސިން ދިނުންކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ހިމަބިއްސަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުމަށް ސްކޫލްތަކާއި ގުޅިވަޑައިގެން ހާއްސަ ހަރަކާތެއްވެސް ފަށްޓަވާފައެވެ.
ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި މުޅި ރާއްޖެއަށް އާމާޒުކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ ކެމްޕޭން އާދިއްތަދުވަހު ފަށްޓަވާނެއެވެ.
ހިމަ ބިއްސަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ނޭވާލާ ނިޒާމްގެ ތެރެއިންޖެހޭ މިބަލީގެ ސަބަބުން ކަންފަތުގައި އިންފެކްޝަން އުފެދުމާއި ނިއުމޯނިއާ ޖެހުމާއި، ފުއްޕާމެއާއި ސިނކުޑިއަށްވެސް ގެއްލުންލިބެއެވެ. އަދި ބައެއް ފަހަރު ފުރާނަޔަށް ނުރައްކާވާ ހިސާބަށްވެސްދެއެވެ. 2010 ވަނަ އަހަރުގެ ފަހުން ހިމަބިއްސާއި ގުޅުންހުރި އެއްވެސް ކޭސްއެއް ރާއްޖެއިން ފެނިފައިނުވާކަމަށް ކަމާއިބެހޭ ދާއިރާތަކުން ވިދާޅުވެއެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމަށް ކަނޑައެޅުމަށްޓަކައި ކުރިޔަށް ގެންދަވާ ކެމްޕޭންގެ ދަށުން އާބާދީގެ %93 އާއި %95 އާ ދެމެދުގެ މީހުންނަށް މީސަލްސް ވެކްސިން ދެ ޑޯޒް ފުރިހަމަކުރަންޖެހެއެވެ.
މި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 8 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށެވެ.