ޚަބަރު

ސްރީލަންކާގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި


ސްރީލަންކާގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ހާމަކުރެއްވި ގޮތުގައި ގެއްލިގެން ހޯދަމުންދާ މީހާއަކީ މިއަދު ހެނދުނު ގެއިން ބޭރަށް ނިކުތުމަށްފަހު އެނބުރި ނައިސް އަދި އެއްވެސް ޚަބަރެއްވެސް ނުގެން ހޯދާ މީހެކެވެ. މި މީހާއަކީ ފިރިހެނެކެވެ. މީނާއަކީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ސްރީލަންކާއަށް ދިޔަ މީހެއް ކަމަށާއި އެހެންނަމަވެސް އެ ޤައުމަށް ފަރިތަ މީހެއް ނޫންކަމަށް އޭނާގެ ޢާއިލާއާ ޙަވާލާދީ، ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މީނާ ސްރީލަންކާއަށް ގޮސް ހުރީ އެ ޤައުމުގައި ކުދިންނަށް ކިޔަވައިދޭން ތިބޭ އޭނާގެ ޢާއިލާގެ ގާތަށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ހާމަކުރައްވާ ގޮތުގައި މި މީހާ ނުފެނިގެން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން އެކަން ވަނީ ދެހިވަލަ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ދެހިވަލަ ޕޮލިސް ސްޓޭޝަން ފުލުހުން ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. ދިވެހި އެމްބަސީންވެސް ގެންދަވަނީ މިކަމަށް މަސައްކަތް ކުރައްވަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އަދި އޭނާއާބެހޭ އެއްވެސް ޚަބަރެއް ނުވެއެވެ.