ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފެއްދުންތެރި އައު އީޖާދުތައް ނެރެ އޭގެ ވިޔަފާރި ކުރާ މީހުން އެބަތިއްބެވެ. އައްޑޫސިޓީ ފޭދޫ ވިކްޓްރީ، ޢަލީމުއްދީނަކީވެސް އެފަދަ އީޖާދުތައް މާކެޓަށް ނެރެ ރަނގަޅު ނަފާއެއް ހޯދަމުން އަންނަ މީހެކެވެ. އޭނާގެ އަމިއްލަ މަސައްކަތުން އެކި ވައްތަރުގެ މެޝިންތައް އުފައްދާ އޭގެ ވިޔަފާރި ކުރަމުންގެންދެއެވެ. އޭގެ ތެރޭގައި ފޯއްކޮށާ މެޝިނާއި، ހަވާދުހަދާ މެޝިނާއި، ހުނިގާނާ މެޝިނާއި، ދިޔަދޮވި ހަދާ މެޝިނަކާއި، އަދި ތަކެތި ރޫޅުމަށް ބޭނުންކުރާ ޕްރެސް މެޝިނެއްވެސް މިހާތަނަށް އެނާ އުފައްދާފައިވެއެވެ. ޢަލީމުއްދީން ބުނީ މި މަސައްކަތުގެ ތެރެއަށް އޭނާއަށް ވަދެވުނީ، އޭނާގެ އަންހެނުންގެ ބައްޕަ މިފަދަ މަސައްކަތްކުރާތަން ފެނި އުފެދުނު ޝައުޤެއްގެ ބޮޑުކަމުން ކަމަށެވެ. އެގޮތުން އޭނާ ފުރަތަމަ އުފެއްދީ އަތުން އަނބުރައިގެން ފޯއްކޮށޭ ކުޑަ މެޝިނެކެވެ. މި މެޝިނުގެ މަސައްކަތް އޭނާ ކުރީ އަންހެނުންގެ ބައްޕައާއެކު ކަމަށާއި، 1995 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އަތްތެރި މަސައްކަތުގެ މައުޒަރުގައި އޭނާ އެމެޝިން ބައިވެރިކުރި ކަމަށް އަލީމުއްދީން ބުންޏެވެ. އަދި އެއަހަރުގެ މައުރަޒުގައި އޭނާ ވަނީ ދެވަނަ ޙާޞިލްކޮށްފައެވެ.
ފޯއް ކޮށާ މެޝިނުގެ މަސައްކަތާއެކު، އޭނާގެ އަމިއްލަ ޚިޔާލަށް މަސައްކަތް ކުރުމުގެ ރޫޙު އުފެދިގެންދިޔަކަމަށް ޢަލީމުއްދީން ބުންޏެވެ. އޭނާ އަމިއްލައަށް އެންމެ ފުރަތަމަ މެޝިނެއް އީޖާދުކުރީ 2000 ވަނަ އަހަރުއެވެ. އެފަހަރު އޭނާ އުފެއްދި މެޝިނަކީ ކުރިން އުފެއްދި މެޝިނާއި އަޅާބަލާއިރު ބޮޑު މެޝިނެކެވެ. އަދި އެއީ ކަރަންޓު ބޭނުންކޮށްގެން ފޯއްކޮށާ މެޝިނެކެވެ. އެމެޝިނުން ތިން މިނެޓުގެ ތެރޭގައި ފޯއްކިލޯއެއް ކޮށާލެވެއެވެ. މި މެޝިން އީޖާދުކުރުމާއެކު އެމެޝިނަށް ޑިމާންޑު ބޮޑުވެ ޢަލީމުއްދީން އޭގެ ވިޔަފާރި ފެށިއެވެ. އެގޮތުން މިހާތަނަށް ފޯއްކޮށާ 31 މެޝިނު އުފައްދާ، ވިއްކާފައިވެއެވެ. ފޯއްކޮށާ ދެ ސައިޒެއްގެ މެޝިން އޭނާ އުފައްދައެވެ. މެޝިންތައް އޭނާ ވިއްކަނީ ފަނަރަ ހާހާއި ދިހަ ހާހާއި ދެމެދުގެ އަގުތަކަކަށެވެ. މި މެޝިން އުފައްދާފައިވަނީ އެއްވެސް އެއްޗެއް ރާއްޖެއިން ބޭރުން ގެނެސްގެން ނޫންކަމަށް ޢަލީމުއްދީން ބުންޏެވެ. މެޝިނެއް އުފެއްދުމަށް މަހެއްހާ ދުވަސް ނަގާކަމަށާއި، މެޝިންތައް އުފެއްދުމަށް ތަކެތި ހޯދަނީ، އުކާލައިފައި ހުންނަ ދަގަނޑު ފަދަ ތަކެތި ހޮވައިގެންނާއި، ބައެއް ދަނގަޑު ގަނެގެން ކަމަށް އޭނާ ބުންޏެވެ. އައްޑޫސިޓީގެ ކެފޭ ރެސްޓޯރަންޓުތަކަށް ފޯއް ކޮށައިދިނުމުގެ ވިޔަފާރި ޢަލީމުއްދީން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭކަމަށް އޭނާ ބުންޏެވެ.
ޢަލީމުއްދީން މި މަސައްކަތްކުރަނީ ލިބޭ ހުސްވަގުތުގައެވެ. އޭނާ ވަޒީފާ އަދާކުރަނީ ފެނަކަ ކޯޕަރެޝަންގެ ސެކިއުރިޓީ އޮފިޝަލަކަށެވެ. ވަޒީފާގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ޢަލީމުއްދީން އުފެއްދި ހަވާދު ހަދާ މެޝިނަށްވެސް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މި މެޝިންވެސް ތައްޔާރުކޮށްފައިވަނީވެސް ދަނގަޑުފަދަ ތަކެތި ހޮވައިގެންނެވެ. އޭނާ ބުނީ ވަރަށް ގިނަ މީހުން ހަވާދު ހަނާކުރުމަށް އަންނަކަމަށާއި، ޚާއްޞަކޮށް ރަމަޟާންމަހު ޑިމާންޑު ބޮޑުކަމަށެވެ.
ޢަލީމުއްދީން ގޭގައި ފެށި މި މަސައްކަތް މިހާރުދަނީ ފުޅާކުރަމުންނެވެ. އެގޮތުން މި މަސައްކަތަށް ޚާއްޞަ ވޯކްޝޮޕެއް ވެސް މިހާރު އޭނާ ވަނީ ހުޅުވާފައެވެ. ދަގަނޑާއި ލޮއި ފަދަ ތަކެތި ބޭނުންކޮށްގެން އިތުރު ތަކެތި އުފެއްދުމަށް ވިސްނާ ކަމަށާއި، ޢަލީމުއްދީންގެ މި މަސައްކަތަށް އޮތް އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަންކަމަށް އޭނާ ބުންޏެވެ. މިހާރުވެސް ކަރަންޓު މަރުތޭލެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު މަހެއްހާ ދުވަސްތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށް ޢަލީމުއްދީން ބުންޏެވެ.