ޚަބަރު

ކަރަންޓުގައި ޖެހިގެން ފެނަކައިގެ 2 މުވައްޒަފަކަށް ފަރުވާ ދެނީ


ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.

އެއީ 23 އަހަރާއި 38 އަހަރުގެ 2 ފިރިހެނުންނެވެ. މި ދެމީހުންނަކީވެސް ހިތަދޫ އަށް ނިސްބަތްވާ ދެމީހުންނެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި ކަރަންޓުގައި ޖެހިގެން ގެނެވުނު 38 އަހަރުގެ ފިރިހެން މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. އަދި އިތުރު ފަރުވާއަށް ވީހާވެސް އަވަހަކަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކަރަންޓުގައި ޖެހިގެން ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެނެވުނު 23 އަހަރުގެ މީހާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ހިތަދޫ ފުޓްސަލް ދަނޑަށް ކަރަންޓު ދިނުމަށްޓަކައި ފެނަކައިގެ ތިން މުވައްޒަފަކު މަސައްކަތް ކުރަމުންދަނިކޮށް، ޑިސްޓްރިބިއުޝަން ފޮށިން ކަރަންޓު އައިސްގެން ކަމަށް ފެނަކަ ކޯޕަރޭޝަންގެ ހިތަދޫ ބްރާންޗުން މަޢުލޫމާތު ދެއްވިއެވެ. ފެނަކައިން ބުނީ މިފަދަ މަސައްކަތްތައް ކުރަނީ މެއިން ބްރޭކަރު ނިއްވާލައިގެން ކަމަށެވެ. އަދި މިހާދިސާ ހިނގާފައިވަނީ މެއިން ބްރޭކަރުން ކަރަންޓު ކަނޑާލެވުނު ކަމަށް ހީކޮށް ފުޓްސަލް ދަނޑަށް ކަރަންޓު ދިނުމުގެ މަސައްކަތް އެ ތިން މުވައްޒަފުންވެސް ފެށުމުގެ ސަބަބުން ކަމަށެވެ.