އަންހެނުން ބާރުވެރިވުމަކީ ހިއްވަރާއެކު ގާނޫނީ އިމުގެ ތެރެއިން ލިބިގަންނަން ޖެހޭ ހައްގެއްކަމުން އެކަމަށް ހުރިހާ އަންހެން ކަނބަލުން އިސްނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ގޮވާލައްވައިފިއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017" ލޯންޗްކޮށްދެއްވުމަށް މިރޭ ދަރުބާރުގޭގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ މުޖްތަމައުގައި އެންމެ ގިނަ ފުރައްސާރަކުރުމާއި ގޯނާކުރުންތައް އާމާޒުވާ ބަޔަކީ އަންހެނުންކަމަށާއި އެކަން އެ ގޮތަށް ދިމާވާން މެދުވެރިވަނީ އަންހެނުންގެ ބާރުވެރިކަން ނިގުޅައިގަތުމަށް ޖާގަ ދެވޭތީކަމަށެވެ. އަންހެނުންނަށް އޮތް އަދި ލިބެންޖެހޭ ހައްގުތަކާއި ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް އަންހެނުންނަށް ވެދުން ކުރާނެ ހަދިޔާއެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ތި ކަނބަލުންނަށް ދަންނަވަން އޮތީ އަންހެނުންގެ ބާރުވެރިކަމަކީ ތި ކަނބަލުންގެ އަމިއްލަ މިލްކެއްކަމަށާއި، އެ ބާރުވެރިކަން އަންހެނުންގެ ކިބައިން ނެތިދާނީ ނުވަތަ ނިގުޅައިދެވެނީ އެބާރުވެރިކަން ނެގުމަށް ޖާގަ ދެވޭތީ، އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ތެރެއިން މި ބާރުވެރިކަން ހޯދިދާނެ، މިކަމަށް ބޭނުންވަނީ ހިތްވަރު، ބުންވަރާއި ހަކަތަ، ކެރުމާއި ހުށިޔާރުކަން"
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ބަށި ބޯޅަ މުބާރާތް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ މި މުބާރާތުގައި އަންހެން ކަނބަލުން ބައިވެރިވީ ހަމައެކަނި ވާދަކޮށްލަން ނޫންކަމަށާއި، ވާދަވެރިކަމުގެ ތެރެއިން އެކުވެރިކަމުގެ ރޫހު އާލާކޮށް އައިލީ ޒިންމާތަކާއިއެކު މުޖުތަމައުގެ އެހެނިހެން ކަންކަމުގައިވެސް އަންހެން ކަނބަލުންގެ ހުނަރު ސާބިތުކޮށްދިނުމަށްކަމަށެވެ.
އަދި އަންހެން ކަނބަލުންނަކީ ފަރުދީ، އިޖްތިމާޢީ އަދި ގައުމީ ގިނަ ވާޖިބުތަކެއްގެ ޒިންމާ އަދާކުރަމުންދާ ބަޔަކަށްވީ ހިނދު، ކުޅިވަރުގެ ތެރެއިން ފުރިހަމަ ސިއްޙަތާއި ބުންވަރު އަންހެން ކަނބަލުންނަށް ބޭނުންވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި އެކަމަނާވަނީ މުބާރާތުގެ ލޯގޯއާއި، ޓްރޮފީގެ އިތުރުން މުބާރާތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލަވަވެސް ލޯންޗްކޮށްދެއްވާފައެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަށް ބަށިކުޅުމަށް ބޭނުންވާ ސާމާނުގެ ވައުޗަރުވެސް ރާއިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވަނީ ހަވާލްކޮށްދެއްވިއެވެ.