މުލަކަތޮޅުގެ 3 ރަށެއްގައި ސަރުކާރުން ކުރިއަށްގެންދެވި މަޝްރޫޢުތައް ނިންމަވާ އެމަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ މިއަދު އިފްތިތާޙްކޮށްދެއްވާނެއެވެ.
މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މ.އަތޮޅަށް ވަޑައިގަންނަވާނެއެވެ. ފަންސަވީސް މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދެވި މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެނުގެ ނިޒާމެއް ދިއްގަރުގައި ޤާއިމްކުރައްވާ އެރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި 202 ފެން މީޓަރު ބަހައްޓަވާފައިވެއެވެ.
މިމަޝްރޫޢުގެ ދަށުން 20 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓު ދިއްގަރުގައި ބަހައްޓަވާ، އެ ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 40 ޓަނުގެ ފެން އުފެއްދޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 200 ޓަނުގެ ތާނގީއެއްވެސް ބަހައްޓަވާފައިވެއެވެ. ދިއްގަރުގައި 4.7 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ ނަރުދަމާގެ ޢަމަލީ މަސައްކަތްވެސް މިއަދު ފަށްޓަވާދެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މުލަކަށް ވަޑައިގެން އެރަށުގެ ފެނުގެ ނިޒާމުގެ ހިދުމަތްވެސް ފަށްޓަވާދެއްވުމަށް ހަމަޖެހިފައިވެއެވެ.
37 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން މުލަކުގައި ޤާއިމުކުރި ފެނުގެ ނިޒާމުން ދުވާލަކު 40 ޓަނުގެ ފެން އުފެއްދޭނެެއެވެ. އަދި މި ނިޒާމުގެ ދަށުން 20 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓް ބަހައްޓާ މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބަހައްޓާފައިވެއެވެ. މުލަކުގައި ފެނުގެ ނިޒާމެއް ޤާއިމުކުރެއްވުމަށް ކުރިޔަށް ގެންދެވި މަޝްރޫއުގެ ދަށުން އެރަށުގައި 11 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް އަޅާ 279 ފެން މީޓަރު ބަހައްޓަވާފައިވެއެވެ.
މ އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ކުރައްވާ މިދަތުފުޅުގައި އެ އަތޮޅުން އެންމެ ފަހުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނާލާފުއްޓަށެވެ. އެރަށަށް ވަޑައިގެން ނާލާފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް އިފްތިތާޙްކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ. ސަރުކާރުގެ ބަޖެޓުން 17 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ދަށުން ނާލާފުށީގެ ގިރާ ސަރަހައްދުގައި 510 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާ، އެސަރަހައްދުވަނީ ހިމާޔަތްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މުލަކާއި ދިއްގަރާއި ނާލާފުށީގެ އިތުރުން ފ. މަގޫދޫއަށް ވަޑައިގެން އެރަށުގެ ބަނދަރުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވާނެއެވެ.
މަގޫދޫ ބަނދަރަކީ 500 ފޫޓު ދިގު، 250 ފޫޓު ފުޅާ ބަނދަރެކެވެ.. ސަރުކާރުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ތަރައްޤީކޮށްފައިވާ މިބަނދަރުގެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީންނެވެ.