ޚަބަރު

ރެޖިސްޓްރޭޝަން މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފި


ބަންގްލަދޭޝްގެ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިންގެ ރޮނގުން ތައުލީމު ޙާޞިލުކުރަމުންދާ 28 ދިވެހި ދަރިވަރަކަށް ދިމާވެފައިވާ ރެޖިސްޓްރޭޝަންގެ މައްސަލަ ޙައްލުކޮށްދިނުމަށް ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ޢާއްމު ކުރެއްވި ބަޔާނުގައި ދިވެހި ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ޙައްލު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިކަން ޙައްލުކޮށްދިނުމަށް އެދި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބަންގްލަދޭޝްގެ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ރަސްމީކޮށް ދަންނަވާފައިވާކަމަށް ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި އުޞޫލެއްގެ ގޮތުން ބަންގްލަދޭޝްގައި މެޑިސިންގެ ދާއިރާއިން ކިޔަވާނަމަ، އެޤައުމުގެ މެޑިސިން އެންޑް ސެންޓްރަލް ބޯޑުގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. އަދި މިކަން ކުރަން ޖެހެނީ އެދަރިވަރަކު ކިޔަވަމުންދާ ޔުނިވަރސިޓީން ކަމަށްވީއިރު، ދިވެހި ދަރިވަރުން ކިޔަވަމުން ދިޔަ ޔުނިވަރސިޓީން މެޑިސިން ބޯޑުގައި އެދަރިވަރުން ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށާއި އަދި ރަޖިސްޓްރީ ކޮށްފައި ނުވާކަން ދަރިވަރުންނަށް އަންގާފައިވެސް ނުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެޤައުމުގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ތަޢުލީމު ޙާޞިލް ކުރަމުންދާ ބިދޭސީ ދަރިވަރުން ރަޖިސްޓްރީ ކޮށްދީފައި ނުވަނީ އެޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރުންގެ ޢަދަދު ގިނަ ކަމުންނެވެ.

މިމައްސަލަ ދިމާވެފައިމިވަނީ ހަމަ އެކަނި ދިވެހިންނަށް ނޫން ކަމަށާއި އެއްހާހަށް ވުރެ ގިނަ ބިދޭސީ ދަރިވަރުން މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް މަޢުލޫމާތުލިބެއެވެ. ބީއެމްޑީސީގައި ރަޖިސްޓްރީ ނުކޮށް އިމްތިހާނު ހަދައިފިނަމަ، އިމްތިހާނުގެ އެއްވެސް ޙައިޞިއްޔަތެއް ނޯވެއެވެ. އަދި ސެޓްފިކެޓް ލިބުނު ނަމަވެސް އެބޭނުންކޮށްގެން މެޑިކަލް ދާއިރާގައި މަސައްކަތެއް ނުކުރެވޭނެއެވެ.