ކުޅިވަރު

އިމްރާން އިސްވެ، ނިއުގެ ސަޕޯޓަރުންގެ ޔޫނިއަންއާ ބައްދަލުކޮށްފި


ކީޕަރު އިމްރާން މުޙައްމަދު އިސްނަގައިގެން، ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ޔޫނިއަންއާއި ސީނިއަރ ކުޅުންތެރިން ބައްދަލުކޮށްފިއެވެ.

ދެ އަހަރަށްފަހު މާޒިޔާ ދޫކޮށް، ނިއުއަށް ބަދަލުވުމަށްފަހު ރޭ ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ޔޫނިއަންގެ އިސް ބައެއް މެމްބަރުންނާ އިމްރާން ބައްދަލުކުރީ ކްލަބްގެ ބައެއް ސީނިއަރ ކުޅުންތެރިންނާއެކުގައެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަންގައި ޓީމްގެ ކެޕްޓަންކަން ކުރި މުޙައްމަދު ރަޝީދު ( ހޮކޭ ) އާއި ކުރިއަށް އޮތް ސީޒަނަށް އަލުން ކްލަބާ ގުޅުނު އަލީ ފާސިރު ( ސެންޓޭ ) އާއި އަކްރަމް އަބުދުލްޣަނީއާއި އަހުމަދު އަބުދުﷲ ( ލިލީ ) ހިމެނެއެވެ. ނިއުގެ ސަޕޯޓަރުންގެ ޔޫނިއަންއާއި ސީނިއަރ ކުޅުންތެރިން މިބައްދަލުކުރީ އެކްލަބްގެ އާ ހިންގާ ކޮމިޓީން ސަޕޯޓަރުންނަށް ޚާއްޞަ ކެފޭއެއް ހަދައި، ސަޕޯޓަރުން އެއްވެ ކްލަބްގެ ކަންކަމުގައި އުޅެވޭނެ މާހައުލެއް ޤާއިމްކުރުމުގެ ވިސްނުން ގެންގުޅޭކަން އިއުލާންކޮށްފައިވަނިކޮށްވެ. އަދި ނިއު ކުޅޭ މެޗުތަކުގައި ރަސްމީ ސްޓޭޑިއަމް ނިއުގެ ހޯމް ސްޓޭޑިއަމްއަށް ހަދައިދިނުމަށް ކްލަބްގެ އާ ޗެއަރމަން ގޮވާލާފައިވަނިކޮށްވެ. ރޭގެ ބައްދަލުވުމަށްފަހު އިމްރާން ބުނީ އެއީ އާސީޒަންގެ ފޯރި ގަދަކޮށް ނިއުގެ ސަޕޯޓަރުންގެ ސަޕޯރޓް އިތުރަށް ހޯދަން އޭނާ އެދިގެން ބޭއްވި ބައްދަލުވުމެއްކަމަށެވެ.

" ސީޒަންގެ ފޯރި ގަދަކޮށް، ދަނޑަށް ވަންނަ ނިއުގެ ސަޕޯޓަރުންގެ އަދަދު އިތުރުކުރުން ބޭނުމަކީ. އެމީހުން ( ސަޕޯޓަރުން ) ތިބީ ވަރަށް ފޯރީގައި. ދަނޑަށް ސަޕޯޓަރުން ވައްދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރާނެކަމުގެ ޔަޤީންކަން ދިން " މިދިޔަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލި ކީޕަރު ބުންޏެވެ.

ސީޒަންގެ ފޯރި މިހާރުވެސް ވަނީ ގަދަވެފައެވެ. ޚާއްޞަކޮށް ނިއުއާއި މާޒިޔާގެ ވާދަވެރިކަން މިހާރުވެސް ފެށިފައިވާކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.