ސިއްހަތު

ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރުގެ ޚިދުމަތް


ކުޑަކަމުދާ ނިޒާމުގެ އެކި ބަލިތަކާއި، ކިޑްނީގެ ބަލިތަކުގައި އެއްހާހަށްވުރެ ގިނަ މީހުން، ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރުން ޚިދުމަތް ހޯދާފައިވާ ކަމަށް އެސެންޓަރުން ހާމަކުރައްވައިފިއެވެ. އެ ސެންޓަރުން ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި ގުޅުން ހުރި އެކި ފަރުވާތަކާއި، އޮޕަރޭޝަންތައް އެސެންޓަރުގައި ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކަމަށެވެ. މީގެ ތެރެއިންވެސް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް އިސްކަންދެއްވާ ކަމަށް އެސެންޓަރުން ވިދާޅުވެއެވެ.

ސާދަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ސަރުކާރުން ޤާއިމްކުރައްވާފައިވާ ނެޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރަކީ، ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެބަލިތަކުގެ މީހުން ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނޭ ލުއި ފަސޭހަ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށްޓަކައި، އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލުގެ ފަންނީ އެހީތެރިކަމާއެކު ޤާއިމް ކުރެއްވި ސެންޓަރެކެވެ. 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިސެންޓަރުގެ ޚިދްމަތް ރަސްމީގޮތުން ފަށްޓަވާފައިވާއިރު، ކިޑްނީ ބަލިތަކަށްދޭ ފަރުވާގެ އިތުރުން، ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި، އުފަންވަނިވި ޞިއްޙަތުގެ ފަރުވާ އެސެންޓަރުން ދަނީ ދެއްވަމުންނެވެ. ނެފްރޯލޮޖިސްޓަކާއި، ޔޫރޮލޮސްޖިޓެއްގެ ޚިދްމަތް ދެއްވުމުގެ އިތުރުން އެބަލިތަކަށް ފަރުވާދެއްވުމުގެ ބައެއް ޕްރޮސީޖަރތައް އެސެންޓަރުގައި ޤާއިމް ކުރައްވާފައިވެއެވެ. އެންމެ ގިނަ ބަޔަކު އެ ސެންޓަރުން ޚިދްމަތް ހޯދާފައިވަނީ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.

މިހާތަނަށް އެއްހާހަށް ވުރެ ގިނަ މީހުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށް އެސެންޓަރުން ވިދާޅުވެއެވެ. އަދި ސެންޓަރުގެ ޚިދުމަތް ހޯދާ މީހުން އިތުރުވެފައިވާތީ، އެބަލިތަކަށް ޚާއްސަ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާ ކަމަށްވެސް އެސެންޓަރުން ވިދާޅުވިއެވެ.

ހަށިގަނޑުގެ ޞިއްޙީ މިންގަޑަށް ނުފެތޭ މިންވަރަށް ކިޑްނީގެ މަސައްކަތް ދަށްވެއްޖެނަމަ، ޑައިލިސިސް ފަރުވާއަށްވުރެ، އެންމެ ރަނގަޅީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުންކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. ކިޑްނީ ނުވަތަ ގުރުދާއަކީ ހަށިގަނޑުގެ ވިހަ މާއްދާތަކާއި، ނަޖިސްތައް ސާފުކޮށްދޭ ގުނަވަނެއް ކަމުން، އެގުނަވަނުގެ މަސައްކަތް 60 އިންސައްތައަށް ދަށަށް ދިއުމުން ޚާއްޞަ ފަރުވާ ހޯދަން ޖެހޭ ކަމަށާއި، އަދި  30 އިން ސައްތައަށް ދަށްވުމުން ޑައިލަސިސް ހަދަން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ރާއްޖޭގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތަފާސް ހިސާބުތައް ޢާއްމުކުރައްވާފައި ނުވިނަމަވެސް، އައި.ޖީ.އެމްއެޗާއި އާސަންދައިގެ ރިޕޯޓްތަކަށް ބަލާއިރު، މި ޚިދްމަތް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދާ މީހުންގެ ޢަދަދު ނިސްބަތުން ގިނައެވެ. އެހެންކަމުން އައި.ޖީ.އެމްއެޗުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖޭގައި ތިބެގެން މިބައްޔަށް ފަރުވާ ހޯދޭނެ ހުރިހާ އިންތިޒާމެއް ހަމަޖެއްސެވުމަށެވެ. އައި.ޖީ.އެމްއެޗުގައި، ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް ދެއްވުމަށް ޢުމްރާނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނަވައި، ފަންނީ އާލާތްތައް ހޯއްދެވުމުގެ މަސައްކަތް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

މި މަސައްކަތުގައި އައި.ޖީ.އެމްއެޗަށް ފަންނީ ގޮތުން އެހީތެރިވަމުންދާ އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވީ، ކިޑްނީ ޓްރާންސްޕްލާންޓް އައި.ޖީ.އެމްއެޗުގައި ކުރިޔަށް ގެންދެވޭ ފެންވަރު އެބަހުރި ކަމަށާއި، ފުރަތަމަ ފަހަރު ބައެއް ތަހްލީލްތައް އެން.ޔޫ ގައި ކުރިނަމަވެސް، ޓްރާންސްޕްލާންޓް ހެދުމުގެ އޮޕަރޭޝަން ރާއްޖޭގައި ކުރިޔަށް ގެންދެވިދާނޭ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ޓީމް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.

ނެޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރަށް ބޭނުންވާ ފަންނީ ބޭފުޅުން ތަމްރީން ކުރައްވާފައިވަނީ އެން.ޔޫ ހޮސްޕިޓަލުންނެވެ. އަދި އެ ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުން ހަފްތާގެ އެކި ދުވަސްތަކުގައި ދަނީ، އެސެންޓަރުގައި ފަރުވާ ދެއްވަމުންނެވެ.