ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އުފެދުނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު" ގެ ދަށުން. އެ ޤާނޫނުގެ ދަށުން ޤައުމީ އެ ޔުނިވަރސިޓީ ޤާއިމްކުރެއްވީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.ޤައުމީ ޔުނިވަރސިޓީގެ މަޤްޞަދަކީ ދިވެހިރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަވާނޭ އަދި ޤައުމުގެ ޘަޤާފީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމު އުފައްދަވައި،ހޯއްދަވައި، ރައްކާތެރިކޮށް، ފެތުރުއްވުމަށްޓަކައި ތަޢުލީމުދެއްވައި، ތަމްރީނުތައް ހިންގަވައި ދިރާސާކުރައްވައި އަދި ޤައުމަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރެއްވުމުގައި އިސްނަންގަވައި ބައިވެރިވާނޭ ޒިންމާދާރު ދިވެހިން އުފެއްދެވުމެވެ.އެ ޔުނިވަރސިޓީގައި 9 ފެކަލްޓީއާއި 3 ސެންޓަރެއްގައި އެކި ދާއިރާތަކުން ކޯސްތައް ކުރިއަށް ގެންދަވައެވެ. 2016 ވަނަ އަހަރު އެ ޔުނިވަރސިޓީގައި 120 ކޯހެއް ހިންގަވާފައިވެއެވެ. މިއަހަރު 98 ކޯސް ކުޔަށް ގެންދަވާނެ ކަމަށް އެ ޔުނިވަރިޓީން ހާމަކުރައްވައެވެ.ޤައުމީ ޔުނިވަރސިޓީގައި ޕީއެޗްޑީ ލެވެލްގެ 7 ޕްރޮގްރާމް ކުރިއަށް ގެންދަވާ. އަދި މާސްޓަރސް ލެވެލްގެ 13 ކޯހަކާއި ބެޗެލާރސް ފެންވަރުގެ ގެ 33 ކޯހެއް ކުރިއަށް ދާއިރު ޑިޕްލޮމާ ފެންވަރުގެ 14 ކޯހެއް އެ ޔުނިވަރސިޓީގައި ކުރިއަށް ގެންދަވައެވެ.ނިމުނު 2016 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީގައި 9223 ދަރިވަރުން ތަޢުލީމު ޙާޞިލްކޮށްފައިވެއެވެ. މިއަހަރު ފަށްޓަވާ ކޯސްތަކުން 5900 ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކުރައްވާނެ ކަމަށް އެ ޔުނިވަރސިޓީން ހާމަކުރައްވައެވެ.މާލެއާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކޯސްތައް ހިންގެވުމަށް އެ ޔުނިވަރސިޓީން މަސައްކަތްކުރައްވައެވެ. މިގޮތުން ހދ. ކުޅުދުއްފުށްޓާއި ލ.ގަން، ގދ.ތިނަދޫ އަދި ސ.ހިތަދޫގައި އެ ޔުނިވަރސިޓީގެ ކެމްޕަސްތައް ވަނީ ޤާއިމްކުރައްވާފައެވެ.ޤައުމީ ޔުނިވަރސިޓީގެ ޚިދުމަތްތަކާ ބެހޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އެ ޔުނިވަރސިޓީގެ ރަޖިސްޓްރާރ ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވީ އެ ޔުނިވަރސިޓީން އަބަދުވެސް މަސައްކަތްކުރައްވަނީ ކޯސްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރައްވައި ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކުރައްވުމަށް ކަމަށެވެ.
"ޔުނިވަރސިޓީން އަބަދުވެސް މަސައްކަތްކުރަނީ ޔުނިވަރސިޓީގެ ކޮންމެ ކޯހަކީ ވެސް ފެންވަރު ރަނގަޅު ކޯހެއްގެ ގޮތުގައި ހިންގުން. މާނައަކީ ކޮލެޓީ، އެއީ އެންމެ މުހިންމު އެއްޗަކީ. އެހެންވީމާ ހުރިހައި ކޯސްތަކެއްގަ ކިޔަވައިދޭ އިރުވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކޮލިޓީ ޓީޗަރުން ގެނައުމާއި އަދި ކޮލިޓީކޮށް ކިޔަވައި ދިނުމުގެ މަސައްކަތްކުރުން. އަޅުގަނޑުމެންގެ ޚިދުމަތްތައް ވެސް ދުވަހުން ދުވަހަށް ރަނގަޅުކުރެވޭތޯ މަސައްކަތްކުރަމުން މިގެންދަނީ." ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވިއެވެ.
ޤައުމީ ޔުނިވަސިޓީގެ ގިނަ ކޯސްތަކުގައި ކިޔަވައިދެއްވަނީ މާސްޓަރސްއަށްވުރެ މަތީ ފާސް ޙާޞިލްކުރައްވާފައިވާ ބޭފުޅުންނެވެ. ބައެއް ކޯސްތަކަށް ކިޔަވައިދެއްވުމަށް ރާއްޖޭން ބޭރުގެ ޕްރޮފެސަރުން ގެންނަވަމުން ގެންދަވައެވެ. މިއަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން އެ ޔުނިވަރސިޓީގައި ފަށްޓަވާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ކޯސްތަކުގެ ކިޔެވުން ފެށުމާ ހަމައަށްވެސް އެ ޔުނިވަރސިޓީގެ ކޯސްތަކަށް ފޯމް ބަލައިގަތުން ކުރިއަށްގެންދަވާނެ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.