ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުން ގާތްގަނޑަކަށް ސަތޭކަ ހާސް އަކަފޫޓުގެ ބިން ގަތުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ދެވަނަ ފަހަރަށް ޢާއްމުންނަށް ހުޅުވާލައިފިއެވެ.
ހުޅުމާލޭ 2 ވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާނީ ގާތްގަނޑަކަށް ސަތޭކަހާސް އަކަފޫޓުގެ ބިމެވެ. މި ފިޔަވަހީގެ ދަށުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އަތިރިމަތީ ސަރަޙައްދުންނެވެ. މިފަހަރު ބިން ވިއްކަން ހަމަޖެހިފައި ވަނީ އަކަފޫޓެއް 3 ހާސް ރުފިޔާގެ ރޭޓުންނެވެ.
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވި އެސަރަޙައްދަކީ ބިޗް ފްރަންޓް އޭރިޔާއަކަށް ވުމުން އެސަރަޙައްދު ތަރައްޤީކުރާނީ ލަގްޒަރީ އޭރިޔާއެއްގެ ގޮތުގައި ކަމަށެވެ. ސައިމަން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކުމަށް ހުޅުވާލާފައިވަނީ ގާތްގަނޑަކަށް ސަތޭކަހަސް އަކަފޫޓުގެ ބިން ކަމަށެވެ. އެހެންނަމަވެސް ފޭސް އެކެއްގައި ބިންދޫކުރި ގޮތާ ފޭސް ދޭގައި ބިން ދޫކުރާގޮތް ތަފާތުވާނެކަމަށް ސައިމަން ވަނީ ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14823119782131.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު- ފޮޓޯ: އެޗްޑީސީ
" ފޭސް އެކެއްގައި ހުރި ބިންތަކަކީ ބާރަސަތޭކަ އެގާރަ ސަތޭކަ އަކަފުޓުގެ ތަންކޮޅެއް ކުދި ބިންތަކަކަށްވަތީވެ އެއްފަހަރާ އެތަން ޑިވޮލޮޕް ކުރުމަށް ދަތިތަކެއް ކުރިމަތިވެފަ ވާތީ އިންފޮމޭޝަން ސެޝަންތަކުގައި އަދި ރައްޔިތުންގެ ޕަބުލިކް ފީޑްތަކުންވެސް ފާހަގަވާތި އަޅުގަނޑުމެން މިކަނޑައެޅީ މިނިމަމް މެކްސިމަމް ސައިޒެއް " ސައިމަން ވިދާޅުވިއެވެ.
މިފަހަރު ބިމުގެ އަގުގެ އިތުރަށް ބިމުގެ ބޮޑު ކުޑަމިނަށްވެސް ބިޑު ކުރެވޭނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
"މީއީ ޢާއްމުންގެ ޚިޔާލާއެކު ގެނައި ބަދަލެއް. ދެހާސް އަކަފޫޓުން ފެށިގެން ހަހާސް އަކަފޫޓާ ދެމެދުގެ ސައިޒުތަކަކަށް، އެކަމަކު ފަހަރަކު އިތުރު ކުރެވޭނީ އެންހާހުން އެންހާހުން ގޮސް 6 ހާސް ފޫޓާއި ހަމަޔަށް" ސައިމަން ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ ބިމުގެ އަގު ކަނޑައެޅުން މިފަހަރު ވަނީ މާކެޓަށް ދޫކޮށްލާފައެވެ. އަދި ރާއްޖޭގެ ބޭންކުތަކާ މިކަމުގެ މަޢުލޫމާތު ދުރާލާ ޙިއްސާ ކުރަމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެހެންކަމުން ބިން ގަތުމަށް ބޭނުވާ ފަރާތަކަށް ބޭންކުތަކުން ލޯނު ހަމަޖެއްސެވުމަށް އޮންނަ އުޞޫލްތައް މެދުވެރިކޮށް ބިން ގަތުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 76 ބިން ވިއްކަން ހުޅުވާލި ނަމަވެސް މިކަން މަޑުޖައްސާފައިވަނީ، ބިންގަންނަ ފަރާތަކަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުންތަކަށްފަހު އެ ފަރާތްތަކުން ހުށަހެޅުއްވި ޚިޔާލުތަކާ އެއްގޮތަށް އުޞޫލަށް ބަދަލުގެނައުމަށްކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި މިހާރު ބިން ދޫކުރުމަށް ހުޅުވާލާފައިވަނީ އެބަދަލުތަކާއެކު ކަމަށްވެސް އެޗްޑީސީން ބުނެއެވެ.