އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރޫޢަށް އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ދެއްވައިފިއެވެ. އޮފިޑުގެ މި ލޯން އެހީގެ އެގްރީމެންޓުގައި ދިވެހި ސަރުކާރާއެކު ސޮއިކުރައްވާފައިވަނީ އެކަމަށްޓަކާ މިއަދު ހޮޓެލް ޖެންގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޢިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢަށް އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑުން 50 މިލިއަން ޑޮލަރުގެ ލޯން އެހީ ދެއްވުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުއެވެ. އަދި އޮފިޑުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރ ޖެނެރަލް ސުލައިމާން ޖާޞިރު ޢަލް-ޙާބިޝްއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ޢަޙްމަދު މުނައްވަރު ވިދާޅުވީ، އޮފިޑްގެ ފަރާތުން މި ލޯން ދެއްވާފައިވަނީ 4 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 40 އަހަރުގެ ތެރޭގައި އަނބުރާ ދައްކަވާގޮތަށްކަމަށެވެ.
ރާއްޖޭގެ ތަރައްޤީގައި އޮފިޑުގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ މިނިސްޓަރ މުނައްވަރު ވިދާޅުވީ، މިހާތަނަށް ތަރައްޤީއާއި ގުޅުން ހުރި ތަފާތު އެކި މަޝްރޫޢުތައް ހިންގެވުމަށް 160 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީ އޮފިޑުން ދެއްވާފައިކާމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ސުލައިމާން ޖާޞިރު ޢަލް-ޙާބިޝް ވިދާޅުވީ، ތަރައްޤީގެ ރޮނގުން ދެކުނު އޭޝިއާ ސަރަޙައްދުގައި ރާއްޖެއިން ހޯދަމުން އަންނަނީ ތަޢުރީފް ހައްޤު ކާމިޔާބީތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީއަށް އޮފިޑްގެ ފުރިހަމަ އެއްބާރުލެއްވުމާއި، އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. އަދި އެއަރޕޯޓުގެ ތަރައްޤީއަށް 1978 ވަނަ އަހަރުން ފެށިގެން އޮފިޑުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަން ސުލައިމާން ޖާޞިރު ފާހަގަކުރެއްވިއެވެ.
އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫޢަށް އޮފިޑް ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ދެއްވާފައިވާއިރު، ސަޢުދީ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ވަނީ ދެއްވާފައެވެ. އަދި ހަމަ މި މަޝްރޫޢަށް ކުވަޢިތު ފަންޑް ފޯ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުންވެސް 51 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުންވެސް ވަނީ 373 މިލިއަން ޑޮލަރު ލޯން އެހީގެ ގޮތުގައި ދެއްވާފައިވެއެވެ.