ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްއިން އަންނަ އަހަރު ފެއްޓެވުމަށް ހަމަޖައްސަވާފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރައްވައިފިއެވެ. ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރެއްވީ، ގިނަ ދަރިވަރުންނަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށް އައިޔޫއެމްއިން ހާމަކުރައްވައެވެ.
އަންނަ ޖެނުއަރީ މަހު، އިސްލާމިކް ޔުނިވަރސިޓީން ފަށްޓަވާ ކޯސްތައް އިޢުލާންކުރައްވާފައިވަނީ މިއަހަރުގެ އޮކްޓޯބަރުމަހުގައެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުއްވާލެއްވުމާއެކު އެ ޔުނިވަރސިޓީގެ ކޯސްތަކަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ.
އަންނައަހަރު، އެކި ދާއިރާތަކުން 33 ކޯހެއް ފެއްޓެވުމަށް އިސްލާމިކް ޔުނިވަރސިޓީން ވަނީ ޢިއުލާންކުރައްވާފައެވެ. އޭގެތެރޭގައި ޕީއެޗްޑީގެ ދެ ޕްރޮގްރާމާއި މާސްޓަރސް ފެންވަރުގެ 6 ކޯސް ހިމެނެއެވެ.
ކޯސްތަކަށް ތަރުޙީބު ލިބެމުން އަންނަ މިންވަރު އިތުރުވުމާއެކު ގިނަ ދަރިވަރުންނަށް ފުރުޞަތު ދެއްވުމުގެ ގޮތުން އައިޔޫއެމްއިން ވަނީ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރައްވާފައެވެ. އައިޔޫއެމްއިން ކުރިން އިޢުލާންކުރައްވާފައިވާ ގޮތުން އެ ޔުނިވަރސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެއެވެ. އެހެންނަމަވެސް މިހާރު އެ ފުރުޞަތު ވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދެއްވާފައެވެ.
އަންނަ ޖެނުއަރީ މަހު އައިޔޫއެމްއިން އެކި ދާއިރާތަކުން 900 ފުރުޞަތު ހުޅުއްވާލައްވާފައިވެއެވެ.
"އަޅުގަނޑުމެންގެ އެއްމެ ބޮޑު އެއްދާއިރާއަކީ ޝަރީޢާ އެންޑް ލޯގެ ދާއިރާ އަކީ ޝަރީޢާ އެންޑް ލޯގެ ދާއިރާ. ޝަރީއާ އެންޑް ލޯ ދާއިރާ އަކީ އަޅުގަނޑުމެން ގާތްގަނޑަކަށް 35 އަހަރުގެ ދިގު ތާރީޚެއް އޮތް މުއައްސަސާއެއްމީ. ޝަރީޢާ އެންޑް ލޯ ކިޔަވާ ދިނުމުގަ. ދެން އޭގެ އިތުރުން އަޅުގަނޑުމެން އެބައޮތް ޓީޗިންގ ދާއިރާ އެބައޮތް. ޢަރަބިކް ލޭންގއޭޖް ގެ ދާއިރާ އެބައޮތް. އޭގެ އިތުރުން އިސްލާމިކް ސްޓަޑީޒް އެބައޮތް. އޭގެ އިތުރުން އަޅުގަނޑުމެން މިއަހަރު މުޅިން އަލަށް ދިވެހިރާއްޖޭގައި އަޅުގަނޑުމެން މި ފަށަނީ އިސްލާމިކް ފައިނޭންސް." އައިޔޫއެމްގެ ރަޖިސްޓްރާ، އަޙުމަދު ރަޢޫފް ވިދާޅުވިއެވެ.
އިސްލާމިކް ޔުނިވަރސިޓީގައި ހިންގަވާ ކޯސްތަކާ ބެހޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ރީޝާ ވިދާޅުވީ އައިޔޫއެމްގައި ކުރިއަށް ގެންދަވަނީ ހަމައެކަނި ދީނީ ކޯސްތަކެއް ނޫންކަމަށާއި ނަމަވެސް އެ ޔުނިވަރސިޓީގެ ކޯސްތަކުގައި ދީނާ ގުޅުން ހުރި ކަންކަން ހިމަނުއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މާއްދާތައް ކިޔަވަމުންދާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން އިސްލާމިކް ވެލިއުސް އިންކޯޕަރޭޓް ކުރެވޭތޯ. މިސާލަކަށް ދަންނަވަނިނަމަ މާސްޓަރސް އޮފް ޓީސޯ ޕްރޮގްރާމްގަ ވެސް އަޅުގަނޑުމެން ޓީޗިންގ މެތޮޑްސް ކިޔަވަދޭއިރު އަޅުގަނޑުމެން އޭގެ ތެރެއިން ދަރިވަރުންނަށް އިނގިރޭސި ބަސް ކިޔަވަދޭއިރު ކިހިނެތްތޯ އިސްލާމިކް ވެލިއުސް އިން ކޯޕަރޭޓް ކުރެވޭނީ. ކިހިނެއްތޯ މި ބައިތައް ގެންދާނީ. އެ ބައިތައް ވަރަށް ބޮޑަށް އަޅުގަނޑުމެން އަހައްމިއްޔަތު ކަމެއްދީގެން ކުރިއަށް ގެންދަން.މީގެ އިތުރުން މާސްޓަރސް ކުދިން ވެސް އެބަޖެހޭ ދެ ކޯ މޮޑިއުލް ނަގަން.މި ކޯމޮޑިއުލްސްތަކުން ވެސް އިސްލާމިކް ވެލިއުސް ދަސްވެގެންދޭ." ޑރ. އައިޝަތު ރީޝާ ވިދާޅުވިއެވެ.
ގާތްގަނޑަށްކަށް 1500 ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުން ގެންދާ އިސްލާމިކް ޔުނިވަރސިޓީ ހުޅުވުނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ.