ޚަބަރު

ކަފިދޫގޭގައި ފަޔަރމަނުން އަދިވެސް ދަނީ ހަރަކާތްތެރިވަމުން


މައްޗަންގޮޅި ކަފިދޫގޭގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގިއިރު އަލިފާންގަނޑު ރޯވި ބްރަދަހުޑް ޕްރައިވެޓް ލިމިޓެޑްގެ ގުދަން ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ކަފިދޫގޭގައި ހުންނަ ބްރަދަހުޑްގެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އެތަނުގައި އަލިފާން ހިފާ ޒާތުގެ ބައެއް އާލާތްތައް ހުރުމުގެ ސަބަބުން އެމްއެންޑީއެފް ފަޔަރމަނުން އަދިވެސް އެސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެތަކެތީގައި އަލުން ހުޅު ހިފިޔަ ނުދިނުމަށްޓަކައި ރެއާއި މިއަދުވެސް ފަޔަރމަނުން ދަނީ ހުއްޓާނުލާ މަސައްކަތް ކުރައްވަމުންނެވެ.  

އެސަރަޙައްދުގައި ހުންނެވި އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަދިވެސް އަލިފާން ރޯވި ގުދަނުގެ އެންމެ އެތެރެއަށް ވަދެވޭވަރު ނުވާ ކަމަށެވެ. އަލިފާން ރޯވި ގުދަނުގެ އެތެރެއަށް ވަނުމުގެ ގޮތުން އެމްއެންޑީއެފްއިން އަންނަނީ އެމްއެއާރްޑީސީގެ ހައިމާކެއް ގެނެސްގެން އެތަން ސާފުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ކަފިދޫގޭގައި ހުންނަ ބްރަދަހުޑްގެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ރޯވިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ރޯވި ގުދަނުގައި އިލެކްޓްރޯނިކް ސާމާނާއި އަދި ކޮސްމެޓިކްސް ސާމާނު ހުންނާނެ ކަމަށް ބްރަހުޑް ކުންފުނިން ބުނެފައިވެއެވެ. މި ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ ތެރޭގައި އެމްއެންޑީއެފްގެ ދެ މީހަކަށް އަނިޔާވެފައިވާއިރު އޭގެތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ރޭވަނީ ސްރީލަންކާއަށް ފުރުވާލާފައެވެ.

މި ހާދިސާގައި ރޯވި ގުދަނާއި އިންވެގެން ހުރި ގެތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. އެހެންކަމުން ބައެއް ގެތަކުގައި ދިރިއުޅޭ އާންމުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ގެންދަވަނީ އެހީތެރިކަން ދެއްވަމުންނެވެ.