ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް އިޤުތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާބެހޭ މުޙައްމަދު ވަޒީރު ސަޢީދު ވަނީ ޕާކިސްތާނު ސަރުކާރުން ދެއްވި މެހުމާންދާރީ ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ވެރިން އެއްތަނަކުން ފެނިގެންދިއުމަކީ، ދެމެހެއްޓެނިވި އަދި ވަރުގަދަ އިޤުތިޞާދީ ގުޅުން ބިނާކުރުމަށް ދެ ޤައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"ދެ ޤައުމުގެ ވެރިންގެ ދަތުރުފުޅުގެ ތެރެއިން، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރީގެ މުޢާމަލާތްތައް މިހާރު ހުރި 13 މިލިޔަން އެމެރިކާ ޑޮލަރުން 200 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވޭ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ރާއްޖެއިން ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި ފޯރަމުގެ ޕްރެޒެންޓޭޝަންތަކާއި މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލާއި، މުހިންމު ދާއިރާތަކުގެ އިތުރުން އަލަށް އުފެދެމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ދެ ޤައުމުގެ ވިޔަފާރިވެރިންވެސް މި ސެޝަންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެފަރާތަށް ފައިދާހުރި ދާއިރާތައް ދެނެގަނެ، ގުޅުން ބަދަހިކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ.
ރާއްޖެއިން ބޭރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ފުރަމާނަ ދަތުރުފުޅެއްގެ ތެރެއިން އެ ވަޑައިގަންނަވާ ޤައުމެއްގައި ބިޒްނަސް ފޯރަމްތަކެއް ބާއްވައެވެ. މި ފޯރަމްތަކުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކާއި ސަރުކާރުން ކުރިއަށް ގެންދަން ރާވައިފައިވާ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާ ކުރެއެވެ. ޕާކިސްތާނުގައިވެސް ފަށައިފައިވަނީ މި ސިލްސިލާގެ ދަށުން ބާއްވާ ބިޒްނަސް ފޯރަމެކެވެ.