ޚަބަރު

ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ޓާމިނަލް 2އަށް


  • ޓާމިނަލް 2 މިވަގުތު ބޭނުންކުރަމުންދަނީ ހަަމައެކަނި އެތެރޭގެ އުދުހުންތަކަށް

  • ޗެކްއިން ޚިދުމަތް ޓާމިނަލް 2އަށް ބަދަލުކުރަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން

ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ޓާމިނަލް 2 މިވަގުތު ބޭނުންކުރަމުންދަނީ ހަަމައެކަނި އެތެރޭގެ އުދުހުންތަކަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް ފިނި މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެ މޫސުމުގައި 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ޓާމިނަލް 2އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޚިދުމަތް ޓާމިނަލް 2އަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ޓާމިނަލް 2އިން ޗެކްއިން ބަދަލުކުރި އެއާލައިންތައް:

• އިޓަލީގެ ނިއޯސް
• އޭރޯފްލޮޓް
• ޔޫއެސް-ބަންގަލާ އެއާލައިންސް
• އުޒްބެކިސްތާނުގެ ސެންޓްރަމް އެއަރ
• ރަޝިޔާގެ އަޒުރް އެއަރ
• ސައިބީރިއާގެ އެސް ސެވަން އެއާލައިންސް
• އަރުމީނިއާގެ ޝިރަކް އަވިއާ
• ކުވައިތު އެއާވޭސް
• ބަލްގޭރިއާގެ ގުލިވް އެއަރ
• ފްރެންޗް ބީ

އެމްއޭސީއެލްއިން ވަނީ މި 10 އެއާލައިނުން ފުރާ ދަތުރުވެރިން، ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށާއި ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް ފަސިންޖަރުންނަށް އިލްތިމާސްކުރައްވާފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ 2 ޓާމިނަލުންވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ޚިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ޤާއިމްކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ދަތުރުވެރިންނަށްވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެކުންފުނި ދެމިއޮންނާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1ގެ ޑިޕާޗަރ ހޯލުގައި 47 ޗެކްއިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކްއިން ކުރެވޭ 6 ސެލްފް ސާވިސް ޗެކްއިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ޓާމިނަލް 2ގައި 27 ކައުންޓަރު ވަނީ ޤާއިމުކޮށްފައެވެ. އަދި ޗެކްއިން ބެގޭޖް ބެލްޓުތަކުގެ އަދަދު 1އިން 3އަށް އިތުރު ކޮށްފައިވާއިރު، އެއާލައިންތަކުގެ ޓިކެޓިންގ ކައުންޓަރުތައްވެސް ވަނީ ބޭރުންނާއި އެތެރެއިން ފަސޭހައިން ވަދެވޭނެ ގޮތަށް ފަރުމާކޮށްފައެވެ.
.