ޚަބަރު

ވޭޒް އެޕް ބޭނުންކުރުން މެލޭޝިއާގެ ސިވިލް ސަރވަންޓުންނަށް މަނާކޮށްފި


ޔަހޫދީންނާއި ގުޅުން އޮންނަ ނެވިގޭޝަން އެޕް "ވޭޒް" ސިވިލް ސަރވަންޓުން ބޭނުންކުރުން މެލޭޝިއާ ސަރުކާރުން ވަގުތުން މަނާކޮށްފިއެވެ.

އަލްފަބެޓް ކުންފުނީގެ ދަށުން ހިންގާ މަޝްހޫރު ނެވިގޭޝަން އެޕްލިކޭޝަން "ވޭޒް" އުފެދިގެން އައީ ޔަހޫދީންގެ ތެރެއިން ކަމަށްވެފައި، އޭގެ ސަބަބުން ސަލާމަތީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ބަލައި، މެލޭޝިއާގެ ސިވިލް ސަރވަންޓުންނަށް އެ އެޕް ބޭނުންކުރުން އެ ގައުމުގެ ސަރުކާރުން ވަގުތުން މަނާކޮށްފިއެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު ބޮޑު އަދި އަބަދުވެސް ފަލަސްޠީނުގެ ޙައްޤުތަކުގެ ދިފާއުގައި ވަކާލާތުކުރާ މެލޭޝިއާއަކީ ޔަހޫދީ ދައުލަތާއި އެއްވެސް ޚާރިޖީ ގުޅުމެއް ބާއްވާ ގައުމެއް ނޫނެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޒް އެޕަކީ ޔަހޫދީ ސަރުކާރުގެ ޤާނޫނުތަކަށް ތަބާވާންޖެހޭ އެޕަކަށްވާތީ، އެ އެޕް ބޭނުންކުރުމުން ކުރިމަތިވެދާނެ ސައިބަރ ސަލާމަތީ ނުރައްކާތައް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށެވެ.

ރައްޔިތުންގެ ޒާތީ މައުލޫމާތާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް، ޤައުމީ ސައިބަރ ސެކިއުރިޓީ ކޮމިޓީގެ ބައްދަލުވުމަށްފަހު ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވޭޒްގެ ބަދަލުގައި މެލޭޝިއާގެ ހައިވޭ އޮތޯރިޓީން ތަރައްޤީކޮށްފައިވާ އަމިއްލަ ނެވިގޭޝަން އެޕްލިކޭޝަން "ތުޖޫ" ބޭނުންކުރުމަށް ބޮޑުވަޒީރު ވަނީ އިރުޝާދު ދެއްވާފައެވެ.

ސަރުކާރުގެ ޗީފް ސެކްރެޓަރީ ޝަމްސުލް އަޒްރީ އަބޫބަކުރު ދައުލަތުގެ އިދާރާތަކުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ބޮޑުވަޒީރުގެ ރިޔާސަތުގައި ނިންމެވި ނިންމެވުމާ ގުޅިގެން، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވޭޒް އެޕް ބޭނުންކުރުން މިހާރު ވަނީ މަނާކުރެވިފައެވެ.

ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން 2013 ވަނަ އަހަރު އެއް ބިލިއަން ޑޮލަރަށް ގަތް "ވޭޒް" އެޕަކީ، ސެޓެލައިޓް ސިގްނަލްތަކާއި ދަތުރުފަތުރުކުރާ ފަރާތްތަކުގެ މައުލޫމާތު ބޭނުންކޮށްގެން ވަގުތުން ވަގުތަށް ޓްރެފިކް އަދި މަގުތަކުގެ ހާލަތު ފޯރުކޮށްދޭ އެޕެކެވެ.