މެދުއިރުމަތީގެ މަސްރަޙު އިންތިހާއަށް ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި ވެސް، އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ ޚާރިޖީ މަޝްވަރާތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، ދެ ޤައުމުން ވެސް މި މަޝްވަރާތަކުގައި ދެމިތިބި ކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޑރ. މަޖިދު އަލްއަންޞާރީ ވިދާޅުވެއްޖެއެވެ.
ޤަތަރުގެ ދޯހާގައި ބޭއްވުނު 'ގްލޯބަލް ސެކިއުރިޓީ ފޯރަމް' ގައި ތަޤުރީރުކުރައްވަމުން އަންޞާރީ ވިދާޅުވީ، ސަރަޙައްދީ ބައިވެރިންނާއެކު ކުރިއަށްދާ މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނެރެވި، އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށެވެ.
ނަމަވެސް، މި ނުތަނަވަސްކަމަށް އަވަސް ޙައްލެއް ނުހޯދިއްޖެނަމަ، މުޅި ސަރަހައްދަށް ފެތުރިގެންދާނެ ވަރުގަދަ ހަނގުރާމައެއްގެ އިންޒާރު އޭނާ ދެއްވިއެވެ.
މީގެއިތުރުން، މީގެކުރިން އިޢުލާނުކުރި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ރޫޅިގެންދިޔަ ހިތި ތަޖުރިބާއަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، ހަމަލާތައް މެދުކަނޑައިލުމަކީ ހަމައެކަނި ނިމުމެއް ނޫން ކަމަށާއި، އެއީ ދާއިމީ ޞުލްޙައަކަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފަލަސްޠީނުގެ ޣައްޒާގެ ހިތާމަވެރި ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަންޞާރީ ވިދާޅުވީ، މިވަގުތު ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ފަރާތުން ސުލްޙައަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މަންޒަރެއް ފެންނަން ނެތް ކަމަށެވެ.
އަދި އަމިއްލަ ސިޔާސީ މަންފާއަށްޓަކައި، މުޅި ސަރަހައްދުގެ ހަމަޖެހުން ނަގާލައި، މި ހަމަނުޖެހުންތަކުގެ ނާޖާއިޒު ފައިދާ ނެގުމަށް ޔަހޫދީ ދައުލަތުން ކުރަމުންދާ މަސައްކަތްތަކާމެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގައި ފަލަސްޠީނުގެ 74,000 އަށްވުރެ ގިނަ ކުށެއްނެތް ރައްޔިތުން ޝަހީދުވެފައިވާއިރު، އެ ރަށުގެ ޢުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ އެއްކޮށް ސުންނާފަތިކޮށް ބިމާހަމަކޮށްފައެވެ.
ޔަމަނުގެ ޙޫޘީންނާއި ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮތް އިއްތިޙާދާ ދެމެދު އަލުން ހަމަލާތައް ބަދަލުކުރެވެން ފަށާފައިވާ ދަނޑިވަޅެއްގައި، މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި މުހިންމީ ހަމައެކަނި މަދު ޤައުމެއްގެ މެދުގައި އޮންނަ އިތުބާރު ނޫން ކަމަށާއި، ސުލްޙައިގެ މުޅި މަރުޙަލާއަށް ފުރިހަމަ އިތުބާރު އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.