ޚަބަރު

ޤައުމަށް ލިބޭ ޤަދަރަކީ ބިމުގެ ބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން: ރައީސް


  • ޑޮކްޓަރޭޓުގެ ޝަރަފަކީ ދިވެހި ރައްޔިތުންގެ ހައްޤެއް ކަމަށް ވިދާޅުވި

  • ކޮންމެ ޤައުމަކަށްވެސް ޤަދާރާއި އިޚުތިރާމް ލިބެންޖެހޭ ކަމަށް ވިދާޅުވި

ޤައުމަކަށް ލިބޭ ޤަދަރަކީ ޤައުމުގެ ކުޑަބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ޝަރަފު އަރުވާފައެވެ.

މި ޝަރަފުއާ ހަވާލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެ 17 އަހަރު ކުރިން އެމަނިކުފާނު ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވި ދުވަހުގެ ހާނދާންތައް އައު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިފަދަ އޮނަރަރީ ޑޮކްޓަރޭޓެއް ލިބުމަކީ އެމަނިކުފާނަށް ލިބުނު ފަޚުރެއް ކަމަށާއި، މިއީ މީގެ 17 އަހަރު ކުރިން އެމަނިކުފާނު އުއްމީދުކުރި ވަރަށްވުރެ ބޮޑު ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޝަރަފުވެރި ޑޮކްޓަރޭޓަކީ މުޅިން އެހެން މާނައެއް އެކުލެވިގެންވާ ޝަރަފެއް ކަމަށާއި މި ޝަރަފު ހައްޤުވަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މިއީ ދެޤައުމުގެ އެކުވެރިކަން ދައްކުވައިދޭ ޝަރަފެއް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރައްވާ ޒިންމާތަކާއި، މި އޮނަރަރީ ޑޮކްޓަރޭޓާއި ގުޅުމެއްވާ ކަމަށެވެ. މިއަދުގެ ދުނިޔެއިން އާދަޔާ ޚިލާފު ޓެކްނޮލޮޖީގެ ކުރިއެރުންތައް ފެންނަމުންދާ ކަމުގައިވީނަމަވެސް، ހަނގުރާމަތަކާއި، އަނިޔާވެރިކަމާއި އަދި އިންސާނީ ނިކަމެތިކަމުގެ ސަބަބުން ދުނިޔެ ތަޙައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ކަންކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ޒިންމާ ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން އީމާންތެރިކަމާއި ޢިލްމު އެކުގައި ކުރިއަށް ދާންޖެހޭކަމާއި، ޢިލްމީ ކާމިޔާބީތައް ބިނާވާންޖެހެނީ އިންސާނިއްޔަތުގެ ޚިދުމަތަށްކަން ރަމްޒުކޮށްދޭ ކަމަށެވެ. އަދި ރާއްޖެއިންވެސް ބުރަވަނީ، މި ހަމަތަކުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ޤަދަރަކީ ބިމުގެ ބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އަދި ނަޒާހާތްތެރިކަމަކީ އިޤުތިޞާދީ ނުވަތަ އަސްކަރީ ބާރުމިނުން ކަނޑައެޅޭނެ ކަންކަން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ކޮންމެ ޤައުމަކަށްވެސް ޤަދަރާއި އިޙުތިރާމު ލިބެންޖެހޭނެކަން އަޅުގަނޑުމެން ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް ޝަރަފާއި އިއްޒަތް ލިބެންޖެހޭއިރު އަމާން އަދި ޢަދުލުވެރި ދުނިޔެއެއް ވާރުތަކުރުމުގެ ފުރުޞަތު ކޮންމެ ޖީލަކަށްވެސް ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އެމަނިކުފާނުގެ ބަޔާން ނިންމަވާލެއްވީ، ޕާކިސްތާނާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ދަމަހައްޓާ، ޢިލްމާއި، އީމާންތެރިކަމާއި އަދި ޚިދުމަތުގެ ބާރުން ބާރު ލިބިގެންވާ މުސްތަޤުބަލަކަށް މަސައްކަތްކުރުމުގެ އަޒުމް އައުކުރާކަމަށް ވިދާޅުވަމުންނެވެ. އެހެންކަމުން ފުން ޝުކުރަކާއި އައު ޒިންމާތަކަކާއެކު މި ޝަރަފު ޤަބޫލުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.