ޚަބަރު

ފަހަތުން އަރައި ލިވަޕޫލުން ވިޔަރެއާލް ބަލިކޮށްފި


  • މި މެޗުގައި މެކަލިސްޓާ ވަނީ 2 ލަނޑު ޖަހާފައި

  • ލިވަރޕޫލަށް ވަނީ 3 މެޗުން މޮޅުވެ 9 ޕޮއިންޓު ލިބިފައި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ވިޔަރެއާލް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު ފަހަތުން އަރާ 4-3 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

މި މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށް ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓު ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ޕީއެސްޖީއަށްވެސް 9 ޕޮއިންޓު ލިބިފައިވާއިރު ލިވަޕޫލަށް ދެވަނަ ލިބިފައިވަނި ފައިދާ ގޯލުގެ ތަފާތުންނެވެ.

ލިވަޕޫލުގެ އެންފީލްޑްގައި 59 ހާހަށްވުރެ ގިނަމީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 4 ވަނަ މިނިޓުގައި ވިޔަރެއާލުން ވަނީ ލަނޑެއް ޖަހައި ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލިވަޕޫލްގެ ކެޕްޓަން ވެންޑައިކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖިއޯޖެސް މިކައުޓަޑްޒޭއެވެ.

އަދި މެޗުގެ 29 ވަނަ މިނިޓުގައި ވިޔަރެއާލްގެ ސާޖީ ކާޑޯނާ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑާއެކު މި މެޗު ބަލަން ދިޔަ ވިޔަރެއާލްގެ 700 އެއްހާ ސަޕޯޓަރުންގެ އަޑުވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

ނަމަވެސް އެންޑޮނީ އިރައޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ލިވަޕޫލުން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 36 ވަނަ މިނިޓުގައެވެ. ކޮސްޓަސް ސިމިކަސް ނަގައިދިން ކޯނަރަކުން ބޮލުންޖަހައި މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެލެކްސިސް މެކަލިސްޓާއެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ރޮނަލްޑް އަރައުހޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި މެކަލިސްޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ 3މިނިޓު ފަހުން ފްލޯރިއަން ވާޓްޒް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.

ވިޔަރެއާލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 3 މިނިޓަށް ވެފައިވަނިކޮށް ޓެނީ އޮލުވަސޭޔީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.